ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވެ މި ގްރޫޕް ފޯރިގަދަވެއްޖެއެވެ.
ސްޕެއިނުން މި މެޗަށް ނުކުތްއިރު، މި މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. އެއީ ފުރަތަމަ މެޗުގައި ކޮސްޓަ ރީކާ އަތުން 7-0 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމުންނެވެ. އަނެއްކޮޅުން ޖަރުމަނު މި މެޗުން ބަލިވިނަމަ އެ ޓީމު މުބާރާތުން ކަޓާނެއެވެ. އެއީ ފުރަތަމަ މެޗުން ޖަޕާނު އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައި އޮތުމުންނެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ސްޕެއިންގެ ޑެނީ އަލްމޯ ފޮނުވާލި ނުރައްކާތެރި ހަމަލާ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އަތުގައި ޖެހިފައި އަމާޒުވީ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ އެންޓޯނިއޯ ރުޑިގާ ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑަކަށް ވަނީ ނިންމާފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސްޕެއިނުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި މި ލަނޑު ސްޕެއިނަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަލްވާރޯ މޮރާޓާއެވެ. އޭގެ ފަހުން ސްޕެއިންގެ މާކޯ އެސެންސިއޯއަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތެއްލިބި ބޭކާރުވެފައެވެ.
މެޗުގެ ނަތީޖާ ޖަރުމަނުން ހަމަހަމަ ކުރީ މެޗުގެ 83 ވަނަ މިނެޓުގައި ނިކްލާސް ފުލްކުރޫމް ޖެހި ލަނޑުންނެވެ. މިއީ ޖަމާލް މުސިއާލާގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު މި ގްރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޖަޕާނާއި ތިންވަނައިގައި އޮތް ކޮސްޓަ ރީކާއަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފައެވެ. ފުލުގައި އޮތް ޖަރުމަނަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ.