ކުޅިވަރު

ތިން އަހަރަށްފަހު ފުވައްމުލަކުގެ ޖޫނިއަރ އުމުރުފުރާގެ ކްރިކެޓް މުބާރާތް ބާއްވައިފި


ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ފުވައްމުލަކުގެ ސްކޫލްތަކުގެ ޖޫނިއާ އުމުރުފުރާތަކުގެ ކްރިކެޓް މުބާރާތް ފަށައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އުމުރުފުރާތަކުގެ ކެޓަގަރީތަކުގައި މުޅިން އާ ކުޅުންތެރިން ބައިވެރިވުމެވެ. އަދި ކްރިކެޓުގެ ތެރެއަށް މުޅިން އާ ބެޗެއް ފެނިގެންދިއުމަކީ ކުޅިވަރަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ފާހަގަކުރެއެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ސްކޫލުތަކަކީ ބްރައިޓްވޭ، ފުވައްމުލަކު ސްކޫލް، ހާފިޒް އަހުމަދު ސްކޫލް، އެމްޖޭއެސް އެވެ. މި ސްކޫލްތަކުން އަންހެން އަދި ފިރިހެން ޓީމުތަކާއެކު މި މުބާރާތް ކުރިޔަށްދަނީ ފޯރީގައެވެ.

ފުވައްމުލަކު ކައުންސިލުގެ އެހީތެރިކަމާއެކު އެ ރަށުގައި ފެށި މި މުބާރާތަކީ މީގެކުރިންވެސް ވަރަށް ފޯރީގައި އެ ރަށުގައި ކުރިޔަށްދާ މުބާރާތެކެވެ.

ފުވައްމުލަކީ ކްރިކެޓުގެ ވައިޑީޕީ ހަރަކާތްތައް ފުޅާކޮށް ހިންގަމުންދާ އެއް ރަށެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ވަނީ އެ ރަށުގައި ކްރިކެޓުގެ ހަރަކާތްތައް ފުޅާކޮށް ކުރިއެރުވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް އެ ރަށުގެ ވައިޑީޕީ ހަރަކާތްތަކާއި އުމުރުފުރާތަކުގެ ޕްރޮގްރާމްތައް އެ ރަށުގައި މިހާރުވެސް ފުޅާ ދާއިރާއެއްގައި ދަނީ ހިންގަމުންނެވެ.

ގައުމީ ކްރިކެޓް ޓީމުގައި ވެސް ފުވައްމުލަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނުނެވެ. ހާއްސަކޮށް އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ރާއްޖޭން ވާދަކުރި އަންހެން ކްރިކެޓް ޓީމުގައި ވެސް ފުވައްމުލަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނުނެވެ.