ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު އިބްރާހީމް ޝަހީބު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށް އަރުވައިފިއެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވާފައިވަނީ އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަފީރު ޝަހީބު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އިންޑިޔާގެ ރައީސަށާއި، ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ދިވެހި ސަފީރު ޝަހީބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް އިންޑިޔާއިން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ސަފީރަށް ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދަށުން، އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއަށް ރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރުގެ އަނބިކަނބަލުން މަރިޔަމް އިލްހާމް ނިޔާޒާއި، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ޑިފެންސް އެޑްވައިޒަރ ކާނަލް މުޙައްމަދު އިބްރާހީމާއި، ފަސްޓް ސެކްރެޓަރީ އަޙްމަދު ސުޒިލްއާއި، ފަސްޓް ސެކްރެޓަރީ މަރިޔަމް ބައްސާމް ފާރޫޤާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ނުއާޒް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އިބްރާހީމް ޝަހީބު ޢައްޔަން ކުރެއްވީ 10 އޮކްޓޯބަރ 2022 ގައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޫޓާން، ނޭޕާލް އަދި އަޒަރުބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށްވެސް ޝަހީބު ޢައްޔަނުކުރައްވާފައެވެ.
އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިބްރާހީމް ޝަހީބް، މީގެކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.