ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި ކެޕްޓަން ވިންސެންޓް އަބޫބަކާ ތަފާތު ދެއްކި މެޗުން ކެމަރޫނުން ސާބިޔާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
މި މެޗުގެ ކުރިން ކެމަރޫންގެ އެއް ނަމްބަރު ކީޕަރު އަންޑްރޭ އޮނާނާ އާއި ކޯޗު ރިގޮބާޓް ސޯންގްއާ ޖެހުނު މައްސަލައަކާއި ގުޅިގެން އޮނާނާ ވަނީ ސްކޮޑުން ބޭރު ކޮށްލައިފައެވެ. އެހެންވެ މި މެޗުގައި ކެމަރޫންގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު ޑޭވިސް އެޕާސީއެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކެމަރޫންއިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހާދިނީ ޑިފެންޑަރު ޖިއާން ޗާލްސް ކަސްޓިލޯއެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާބިއާއިން ވަނީ ފަހަތުން އަރައި ލީޑު ނަގައިފައެވެ. ސާބިއާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހާދިނީ ސްޓްރަހިންޖާ ޕަވްލޮވިޗްއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ސާބިއާއަށް ލީޑު ނަގައިދިނީ ސާޖެގް މިލިންކޮވިޗްއެވެ.
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސާބިއަށް ލީޑު ފުޅާކޮށްދިނީ އެލެކްޒެންޑާ މިޓްރޮވިޗްއެވެ.
ސާބިއާއިން ތިންވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ކެމަރޫނުން ވަނީ އެ ޓީމުގެ ކެޕްޓަން އަބޫބަކޫ ކުޅެންއަރުވާފައެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި އަބޫބަކޫ ވަނީ ހިތްގައިމު ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ކެމަރޫންގެ އެރިކް ޗޮޕޫ މޮޓިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އަބޫބަކޫގެ އެހީތެރިކަމާއެކުގައެވެ.
މި ނަތީޖާއާއެކު މި ގްރޫޕްގެ ފޯރިގަދަވެފައިވާއިރު، މި ގްރޫޕްގެ ފަހު މެޗުތައް ކުޅޭނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.