ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި ދެކުނު ކޮރެއާ ބަލިކޮށް ގާނާއިން ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފިއެވެ.
ދެކުނު ކޮރެއާއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އުރުގުއޭއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަނެއްކޮޅުން ގްރޫޕްގެ ފުރަތަމަ މެޗުގައި ގާނާއިން ވަނީ ޕޯޗުގަލްގެ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ގާނާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ކޮރެއާއިން މެޗުގެ ކޮންޓްރޯލް ނަގައި ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ގާނާއަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ގާނާގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހާދިނީ ޑެފެންޑަރު މުޙައްމަދު ސަލިސޫއެވެ. އަދި އޭގެ ދިހަ މިނެޓު ފަހުން ގާނާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މުޙައްމަދު ކޫޑޫސްއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެކުނު ކޮރެއާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކޮށް ގާނާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ގާތް ގާތުގައި ޖެހި ދެ ލަނޑުން ނަތީޖާ ހަމަހަމަ ވެސް ކުރިއެވެ.
މި ދެ ލަނޑުވެސް އެ ޓީމަށް ޖަހާދިނީ ޗޯ ހޫ ސަންގްއެވެ. އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި ގާނާގެ ކޫޑޫސް ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގާދީފައެވެ.
މި ލަނޑަށްފަހުވެސް ކޮރެއާއިން ގާނާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ.
ގާނާއިން ހޯދި މި މޮޅާއެކު އެ ޓީމަށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށް ކޮރެއާއަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.