ސައޫދީ އަރަބިއާގެ ވެރިރަށް ރިއާޟު އެއާޕޯޓު ނުވަތަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު އިއުލާނުކުރައްވާފައިވާ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާ އެސްޕީއޭ އިން ރިޕޯޓުކޮށްފިއެވެ.
ރިއާޟު އެއަރޕޯޓަކީ އެންމެ ގިނަ ބަޔަކު ދަތުރުކުރާ ތަނަށް ހެދުމުގެ އަމާޒުގައި އެ އެއަރޕޯޓުގައި 6 ރަން ވޭ އަޅައި 2030 ގެ ނިޔަލަށް 120 މިލިއަން މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ގޮތަށް އެއަރޕޯޓު ޑިޒައިން ކުރަންވެސް ވަނީ ނިންމާފައެވެ.
22.01 އަކަމީޓަރަށް ވުރެ ދިގުމިނުގައި މިހާރު ހުރި ކިންގް ޚާލިދު އެއަރޕޯޓް ހިމެނޭ ގޮތަށް ކިންގް ސަލްމާން އިންޓަނޭޝަނަލް އެއަރޕޯޓް، ސައުދީ އަރަބިއްޔާގެ ސޮވަރިން ވެލްތު ފަންޑް ކަމުގައިވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް، ޕީއައިއެފް އިން އަޅާނެ ކަމަށް އެސްޕީއޭ އިން ރިޕޯޓުކުރެއެވެ.
2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ދަތުރުފަތުރާއި ލޮޖިސްޓިކް ހަބަކަށް ސައޫދީ ހެދުމަކީ އެގައުމުގެ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރިއާޟު އެއަރޕޯޓަށް އަލަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރަހައްދީ އެހެން އެއަރޕޯޓުތައް ކަމަށްވާ ގަތަރު އެއަރޕޯޓާއި އެމިރޭޓްސް އާއި ވާދަކޮށްލެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިގްތިސާދު ފުޅާކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމުގެ ގޮތުން ސައޫދީގެ ވަލީއަހުދު މުހައްމަދު އިސްނަންގަވައިގެން ވިޝަން 2030 ގައި އިއުލާނުކޮށްފައިވާ ޕްލޭނަކަށް ސައޫދީ އިން އަންނަނީ އެތައް ހޭދައެއް ކުރަމުންނެވެ.
އެގޮތުން އެއަރޕޯޓް މަޝްރޫއަކީ ދުނިޔޭގެ ގަދަ ދިހަ އިގްތިސާދުގެ ތެރޭގައި ސައޫދީ ހިމެނުމާއި 2030 ވަނަ އަހަރުގެ ނިޔަލަށް ރިޔާޟުގެ އާބާދީގެ 15-20 މިލިއަން މީހުންނަށް އިތުރުކުރުމަށް އެހީވުމުގެ ގޮތުން ސައޫދީގެ ތަސައްވުރާއި އެއްގޮތަށް ކުރިއަށް ގެންދަން ރާވައިފާ މަޝްރޫއެއް ކަމަށް އެސްޕީއޭއިން ބުނެއެވެ.
މީގެއިތުރުން 2050 ވަނަ އަހަރުގެ ނިޔަލަށް ކިންގް ސަލްމާން އެއަރޕޯޓުން ސީދާ އަދި ނުސީދާ ގޮތެއްގައި 103،000 ވަޒީފާ އުފެދި، 185 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރެވޭ ގޮތަށް ހަދައި 3.5 މިލިއަން ޓަނުގެ މުދާ ޕްރޮސެސް ކުރާނެ ކަމަށް ވެސް އޭސްޕީއޭ އިން ބުނެއެވެ.
ރާވަފައިވާ އިންވެސްޓްމަންޓްތަކުގެ ތަފްސީލު ސައޫދީ ސަރުކާރުން އަދި ދީފައި ނުވި ނަމަވެސް އިތުބާރު ހުރި ފަރާތަކުން ރޮއިޓާސް ނޫހަށް ބުނިގޮތުގައި ކާގޯ އަދި ޕެސެންޖަރު އެއަރލައިންތަކަށާއި އެއަރޕޯޓްތަކުގެ އިކޯސިސްޓަމެއް އުފެއްދުމަށް ޕީއައިއެފްގެ އޭވިއޭޝަން ޑިޕާޓްމަންޓަށް ބޮޑެތި ފައިސާގެ އެހީ އަންނަނީ ލިބެމުންނެވެ. އަދި ސަރުކާރުން މިހާރުވެސް އަންނަނީ އެއަރޕޯޓުތަކަށް ބޭނުންވާނެ މަތިންދާ ބޯޓުތައް ގެނައުމުގެ މަޝްވަރާތައް އެއަރބަސް އަދި ބޮއެންގް އާއެކު ކުރަމުން ކަމަށްވެސް އޭސްޕީއޭ އިން ބުނެއެވެ.