މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓުވިޓަރގައި އިޝްތިހާރު ކުރުން އައިފޯނު އުފައްދާ ކުންފުނި އެޕަލްއިން މަދުކޮށްފި ކަމަށް ޓުވިޓަރގެ ވެރިޔާ އީލޯން މަސްކް ހޯމަ ދުވަހު ބުނެފިއެވެ.
މިއާއެކު އެޕަލް ވެފައިވަނީ ކޮންޓެންޓު އުސޫލުތަކާއި ހެދި ޓުވިޓަރގައި އިޝްތިހާރު ކުރުން މަދުކޮށްފައިވާ ނުވަތަ ހުއްޓާލާފައިވާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކަށެވެ. ޓުވިޓަރގައި އިޝްތިހާރުކުރުން ހުއްޓާލި ކުންފުނި ތަކުގެ ތެރޭގައި ޖެނެރަލް މިލްސް އިންކް އަދި އެންމެ ޒަމާނީ އޮޓޯ ވެހިކަލް އުފައްދާ އެމެރިކާގެ ކުންފުނި އައުޑީ ހިމެނެއެވެ.
އެޕަލް އިން ޓުވިޓަރގައި އިޝްތިހާރު ކުރުން ގާތްގަޑަކަށް ހުއްޓާލާފައިވާ ކަމަށް މަސްކް ކުރެއްވި ޓުވީޓެއްގައިވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އެޕަލްއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
މެޝަމެންޓް ކުންފުންޏެއް ކަމަށްވާ ޕެތަމެޓިކްސް އިން ބުނާގޮތުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނި ކަމުގައިވާ އެޕަލް އިން މަސްކު ޓުވިޓަރ އާއި ހަވާލުވުމުގެ ހަފްތާއެއް ކުރިން މިދިޔަ ނޮވެމްބަރު މަހުގެ 10 އާއި 16 އާއި ދެމެދު ޓުވިޓަރ ގައި އިޝްތިހާރު ކުރުމަށް 131600 އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ އޭގެކުރިން މިދިޔަ އޮކްޓޫބަރު މަހުގެ 16 ން 22އަށް އިޝްތިހާރަށް ހޭދަކޮށްފައިވާ 220800 އެމެރިކާ ޑޮލަރަށްވުރެ މަދު އަދަދެކެވެ.
ޓުވިޓަރގެ އާމްދަނީގެ ގާތްގަޑަކަށް %90 ލިބެނީ އިޝްތިހާރުން ކަމަށްވާއިރު، ޓުވިޓަރގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މިމަހުގެ ކުރީކޮޅު މަސްކު ވަނީ ބުނެފައެވެ.
ޓުވިޓަރއާ ހަވާލުވުމަށްފަހު ޕްލެޓްފޯމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބަދަލުތަކެއް ގެންނާނެކަމަށް މަސްކު ވަނީ ބުނެފައެވެ. އެގޮތުން ޓުވިޓަރ އިން މުވައްޒަފުން މަދުކުރުމަކީ މަސްކް 44 ބިލިއަން ޑޮލަރަށް ޓުވިޓަރ ގަތުމަށް ފަހު ގެންނަ ބަދަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޓުވިޓަރއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ.