ޚަބަރު

ގެއްލުމުގެ ބަދަލު ދެވޭނެ އުސޫލު ކަނޑައަޅައި ޢަމަލުކުރަން ފަށައިފި


ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމުގައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލައި ޢަމަލު ކުރަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއުސޫލު އެކުލަވާލާފައިވަނީ ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް އޭސީސީން ނެރުނު "ހުދު ކަރުދާސް" މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް މިފަދަ ކަންކަމުގައި ބަދަލު ދެވޭނެ އުސޫލެއް ކަނޑައެޅުމަށް މަޖިލީހުން ސަރުކާރަށް ދީފައިވާ ލަފާގެ މަތީންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި 19 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މިއުސޫލަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާއިމެދު، ޤާނޫނާއި ގަވާއިދާއި ސަރުކާރުން އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް އެއްވެސް ހަމައެއް އިސާފެއްނެތި އަމަލުކޮށްފައިވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުސަތުތަކަށް ބަދަލު ހަމަޖައްސައިދީ އަދުލުވެރިކަމާއެކު ދައުލަތަށްވެސް މާލީ ގޮތުން އުފުލަންޖެހޭ ބުރަ ކުޑަވާނެ ގޮތަކަށް އެކުލަވާލާފައިވާ އުސޫލެކެވެ.

މިއުސޫލުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލީ ބަދަލު ދިނުމަށް ކަނޑައަޅާ މައްސަލަތުކުގައި ދައުލަތުން ފައިސާދިނުމުގެ ބަދަލުގައި އެމުޢާމަލާތަކާ ގުޅިގެން އެފަރާތައް ޤާނޫން ހުއްދަކުރާ މިންވަރަކަށް ސަރުކާރުން ދެވެން އޮތް އެހެނިހެން ލުއިތަކާއި އިނާޔަތްތައް ދީފައި މައްސަލަ ނިންމުމަށް އިސްކަން ދެވޭނެއެވެ.

މިއުސޫލަށް އަމަލު ކުރަން ފަށާފައިވާއިރު، އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާއި ގުޅޭ މައްސަލައެއް ކަމާއި ބެހޭ މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެެރޭގައި ހުށަހަޅަންޖެހޭނެއެވެ. ހުށަހެޅޭ މައްސަލަތައް ވާންޖެހޭނީ އެއްބަސްވުން ބާތިލް ކުރުމައި އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރުމާއި އެއްބަސްވުމާއި ޚިލާފުވުުގެ އިތުރުން ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދަ ބާތިލް ކޮށްފައިވާ މައްސަލަތަކެވެ.

މިއުސޫލުގެ ދަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން 7 އޮގަސްޓް 2008 އިން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާ ތާރީޚާއި ދެމެދު އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ބޭރުން ޢަމަލުކޮށްފައިވާ މައްސަލަތައް ބަލައި ބަދަލު ދޭންޖެހޭނަމަ އެކަން ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިއުސޫލުގައި މިފަދަ މައްސަލަތަކުގައި ކޯޓުން ބޭރުން މައްސަލަ ކުރެވޭނެ ހާލަތްތަކެއްވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކޯޓުގެ ހުކުމަކުން ނަގައިދެވޭ އަދަދު، މި އުސޫލުގެ ދަށުން މައްސަލަ ހައްލު ކުރުމުގައި ނަގައިދެވޭ އަދަދަށްވުރެ ބޮޑުވެދާނެ ހާލަތެއްގައި ދައުލަތަށް ލިބޭނެ މާލީ ގެއްލުން ކުޑަކުރުމެވެ.

ބަދަލު ދެވޭނެ އުސޫލުގެ ދަށުން މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަން ޖެހެއެވެ. އެކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތަކާއި، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި، ޕްލޭނިން މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީން ކަނޑައަޅާ ފަރާތެކެވެ.

ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ކުރުމަށްފަހު ޤާނޫނުތަކާއި ޚިލާފަށް ބޭއިންސާފުން ޢަމަލުކޮށްފައިވާނަމަ އެފަދަ މައްސަލައެއް ބަލައި އެކަމާއި ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެމައްސަލައިގައި އަމަލުކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ފާހަގަވެއްޖެނަމަ ކޯޓުން ބޭރުންވެސް މައްސަލަ ހައްލު ކުރެވިދާނެކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި މިފަދަ މައްސަލައެއް ބެލުމަށް ހުށަހަޅާ މިނިސްޓްރީއަކުން 90 ދުވަހުގެ ތެރޭގައި އެމައްސަލައެއް ބަލައި ކޮމެޓީއަށް ފޮނުވަން ޖެހެއެވެ.