ޚަބަރު

މާލޭގައި ހުރި ގަރާޖުތައް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދެނީ


މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެޗް.ޑީ.ސީއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވީ، މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް އެ ކޯރޕަރޭޝަނުން ވަނީ ނިންމާފައެވެ. ޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް 2 ފަންގިފިލާއަށް އިމާރާތްކުރެވޭނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މާލޭގައި މިހާރު ހިންގަމުންދާ ގިނަ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނެވެ. މި ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެއެވެ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިނގުން މެދުވެރިވެއެވެ.

އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށްވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ޙައްލެއްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެޗް.ޑީ.ސީއާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެއްކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.