އަންނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ކުރިން ނުވަތަ 3 ވަނަ ކުއާޓަރުގައި ނައިޖީރިއާއަށް ޕެޓްރޯލިއަމް އުފެއްދުންތައް އިމްޕޯޓުކުރުން ހުއްޓާލަން ނިންމާފައިވާކަމަށް އެ ގައުމުގެ ތެލާބެހޭ ވަޒީރު ޓިމިޕަރ ސިލްވާ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ސިލްވާ ވިދާޅުވިގޮތުގައި އަންނަ ޑިސެމްބަރު މަސް ނިމޭއިރު ނައިޖާ ޑެލްޓާގެ ތެޔޮ އުފައްދާ ސިޓީއެއް ކަމަށްވާ ޕޯޓް ހާކޯޓްގައި ހުރި ރިފައިނަރީއަކުން ދުވާލަކު 60000 ފީފާ ޕްރޮސެސްޑް ކްރޫޑް އުފައްދާނެއެވެ. މީގެއިތުރުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެހެން ރިފައިނަރީއެއްގައިވެސް ކްރޫޑް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް ސިލްވާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އަސްލު ޕެޓްރޯލިއަމް ޕްރޮޑަކްޓްތައް އިމްޕޯޓް ކުރުން އެންމެ ދިގު މުއްދަތެއް ދޭ ނަމަ އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހުއްޓާލެވެނޭ ކަމަށް. ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ކުރިން ޕެޓްރޯލިއަމް އުފެއްދުންތައް އިމްޕޯޓުކުރުން ހުއްޓާލެވޭނެ" ސިލްވާ ވިދާޅުވިއެވެ.
ނައިޖީރިއާގެ ވެރި ރަށް އަބޫޖާގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ސިލްވާ ވިދާޅުވީ ނައިޖީރިއާގެ ކްރޫޑް އުފެއްދުން ކުރިން 1 މިލިއަން ފީފާއަށް ވުރެ ދަށްވެފައި ހުރުމަށްފަހު އުފެއްދުންތައް މިހާރު ދުވާލަކު ގާތްގަނޑަކަށް 1.3 މިލިއަން ފީފާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޯޕެކް ކޯޓާ ފުރިހަމަ ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ސިލްވާ ވިދާޅުވިއެވެ.
ތެޔޮ އެކްސްޕޯޓުކޮށްގެން ބޮޑު އާމްދަނީ އެއް ނައިޖީރިއާއަށް ލިބުނު ނަމަވެސް ސާފުނުކުރާ ތެޔޮ ވަގަށް ނެގުމާއި ތެޔޮ ހޮޅިތަކަށް ގެއްލުން ދިނުމުގެ ސަބަބުން ތެލާއި ގޭސް އުފެއްދުން މަދުވެ، އެފްރިކާގެ އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކަށް ވެފައި އޮތް ނައިޖީރިއާއަށް އެ މަގާމު ވަނީ ގެއްލިފައެވެ.
ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ސަބަބުން ނައިޖީރިއާ އިން ބޭނުންވަނީ އަމިއްލައަށް ތެޔޮ ރީފައިން ކުރުމަށެވެ. ރިފައިން ކުރުމަށް އެ ގައުމުން މީގެކުރިން ފެށި މަސައްކަތް އޮތީ ހުއްޓިފައެވެ.