އެއަރ އިންޑިއާ އާއި އެ ގްރޫޕާއި ސިންގަޕޯރ އެއާލައިންސް، އެސްއައިއޭ ގުޅިގެން ހިންގާ ވިސްތާރާ އެއްކޮށްލަން ނިންމައިފިއެވެ.
އެސްއައިއޭ އާއި ޓާޓާގެ ޖޮއިންޓް ވެންޗަރ ވިސްތާރާ އާއި އެއާ އިންޑިއާ އެއްކޮށްލަން ނިންމީ ހިދުމަތްތައް ފުޅާކޮށް އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް ވަރުގަދަކުރުމަށެވެ.
ޓާޓާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި އެ ދެ އެއާލައިން އެއްކޮށްލުމަށް ފަހު އުފައްދާ އެއާލައިންގައި ޓާޓާގެ ހިއްސާއަކީ %74.9 އެވެ. އަދި ބާކީ %25.1 ހިއްސާކުރަނީ އެސްއައިއޭ އިންނެވެ.
ދެ އެއާލައިން އެއްކޮށްލުމަށް އެސްއައިއޭއިން އެއާ އިންޑިއާއަށް 252 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެކަމަށް ޓާޓާ އިން ބުނެއެވެ. އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީ، ސެންޓްރަލް ބޭންކް އަދި އެންޓިޓްރަސްޓް ކޮމިޝަންގެ ހުއްދައާ އެކު، މާޗު 2024ގައި އެ ދެ ކުންފުނި އެއްކޮށްލުމުގެ މުއާމަލާތް ނިންމުމަށް ވަނީ އަމާޒު ހިފާފައިވާކަމަށް ޓާޓާއިން ބުނެއެވެ.
ޓާޓާ ގްރޫޕްގެ ޗެއާމަން ނަތަރަޖަން ޗަންދްރަސޭކަރަން ވިދާޅުވީ އެއާ އިންޑިއާ އަލުން "ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް" ހެދުމަށް ކުރާ މަސައްކަތުގައި އެއާ އިންޑިއާ އެއްކޮށްލުމަކީ ޓާޓާ ގްރޫޕުން އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ދެ އެއާލައިން އެއްކޮށްލުމުގެ ސަބަބުން އިންޑިއާގައި މިހާރު އެންމެ ހިނގާ އިންޑިގޯ އާއި ވާދަކޮށްލެވޭނެ ކަމަށާއި މިހާރު ޑޮމެސްޓިކް ފްލައިން މާކެޓެއް ނެތް އެސްއައިއޭއަށް ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އޭވިއޭޝަން މާކެޓުގައި ވަރުގަދަޔަށް ފައިތިލަ ސާބިތުކޮށްލެވޭނެކަމަށް ޓާޓާއިން ބުނެއެވެ.
2006 ވަނަ އަހަރު އުފެދުނު ބަޖެޓް އެއާލައިން އެއް ކަމަށްވާ އިންޑިގޯ އަކީ އޮކްޓޯބަރުމަހުގެ ނިޔަލަށް މާކެޓް ހިއްސާ %56.7 ލިބިފައިވާ އިންޑިއާގެ އެންމެ ބޮޑު ޕެސެންޖަރ އެއާލައިންއެވެ.
އެއާ އިންޑިއާއަކީ އިންޑިއާގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ކެރިއަރ އަދި ދެވަނައަށް އެންމެ ބޮޑު ޑޮމެސްޓިކް ކެރިއަރެވެ. އެސްއައިއޭއިން ބުނިގޮތުގައި ކުރިއަށް އޮތް މާލީ ދެ އަހަރު އޮޕަރޭޝަންތައް ފުޅާކޮށް މާލީ ގޮތުން ގޮތުން ކުރިއެރުން ހޯދުމުގެ ގޮތުން އިތުރު އިންވެސްޓްމެންޓްތައް ކުރަން ދެ ކުންފުނިން ވަނީ ނިންމާފައެވެ.
"އެއަރ އިންޑިއާ އަށް ގެންނަ މި ބަދަލަށް އެހީތެރިވެ، އެއާލައިންގެ ގާބިލުކަން އިތުރުކޮށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު އެއާލައިންތަކުގެ ތެރެއިން އެއާލައިނަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެސްއައިއޭގެ ޗީފް އެގްޒެކެޓިވް ގޯ ޗޫން ފޮންގް ވިދާޅުވިއެވެ.
ދެ އެއާލައިން އެއްކޮށްލުމުން ބޯޓު އުފައްދާ ކުންފުނި ބޮއިންގް އާއި އެއާބަސް އާއި ދެމެދު ބަހާލައިގެން 218 މަތިންދާބޯޓުގެ ފްލީޓެއް ޓާޓާއަށް ލިބޭނެއެވެ. މިއާއިއެކު އިންޑިއާގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ކެރިއާ އަދި ދެވަނައަށް އެންމެ ބޮޑު ޑޮމެސްޓިކް އެއާލައިނަށް އެއާރ އިންޑިއާ ވެގެންދާނެއެވެ.
ސިންގަޕޯރ އެއާލައިންސްއިން ވަކިން ނެރުނު ބަޔާނެއްގައި ބުނީ އެ އެއާލައިންގެ ކުރިއެރުމާއި ތަރައްގީއަށް ކުރިއަށް އޮތް މާލީ ދެ އަހަރުގެ ތެރޭގައި ޓާޓާ އާއި އެ ކުންފުނިން އިންވެސްޓް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ސިންގަޕޯ އެއާލައިންސް އިން ބުނީ އެ ކުންފުނީގެ %25.1 ހިއްސާގެ މައްޗަށް ބިނާކޮށް 615 މިލިއަން ޑޮލަރާ ހަމައަށް ހަރަދު ކުރާނެ ކަމަށެވެ.
ސިންގަޕޫރުގެ އެއެއާލައިނުން ލޯކަލް ސްޓޮކް އެކްސްޗޭންޖަށް ދިން ބަޔާނެއްގައި ބުނީ އެސްއައިއޭގެ %49 ހިއްސާ އޮންނަ ވިސްތާރާ އަކީ އެ އެއާލައިންގެ މަލްޓި ހަބް ސްޓްރެޓެޖީގެ މުހިއްމު ބައެއް ކަމަށެވެ.
އެއަރ އިންޑިއާ އަކީ 1932 ވަނަ އަހަރު ޖޭއާރުޑީ ޓާޓާ އިން އުފެއްދި އެއާލައިނެކެވެ. އުތުރު އެމެރިކާ، ޔޫރަޕް، އޭޝިއާ، އޮސްޓްރޭލިއާ އަދި ގަލްފުގެ ބައިނަލްއަގްވާމީ ގޮތުން ކުރިއަރާފައިވާ ހުރިހާ މަންޒިލްތަކަށް ވެސް އެއަރ އިންޑިއާ ދަތުރުކުރެއެވެ. އެ އެއާލައިނާއި އިންޑިއާ ސަރުކާރުން ހަވާލުވީ 1953 ވަނަ އަހަރުއެވެ. ނަމަވެސް، މިދިޔަ ޖެނުއަރީ މަހު ޓާޓާގެ ބާރުގެ ދަށަށް އަލުން އެއާލައިން ވަނީ އެނބުރި އައިސްފައެވެ.
ޓާޓާ ގްރޫޕްގެ ދަށުން ގާތްގަނޑަކަށް 100 ކުންފުނި އޮވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑު އޮޓޯ އުފައްދާ ކުންފުންޏާއި އެންމެ ބޮޑު އަމިއްލަ ދަގަނޑު އުފައްދާ ކުންފުންޏާއި އަދި އިންޑިއާގައި ނަން ހިނގާ އައުޓްސޯސިން ކުންފުންޏެއް ހިމެނެއެވެ. އެ ކުންފުނިތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 350000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.