އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ތައްޔާރުވަމުން އަންނަ ބުރު ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.
ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ސައްތައިން ސައްތަ ރެކޯޑަކާއެކު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގެ ތެރެއިން ރަނގަޅު ނަތީޖާއަކާއެކު އެވެ. އެ ކާމިޔާބީއާއެކު އެ ޓީމުން ވަނީ ފުރަތަމަ ޑިވިޝަނަށް ބޮޑެތި ތައްޔާރީތަކެއް ފަށާފައެވެ.
ފުރަތަމަ ޑިވިޝަނުގެ ޖާގަ ހޯދި ބުރު ސްޕޯޓްސް ކްލަބުން ނިޒާމްބެއާ އެކު ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަމުން ނިޒާމްބެ ބުނީ ބުރު ސްޕޯޓްސްއާ ގުޅުނީ ކުލަބުގެ ހުށަހެޅުން ރަނގަޅުވުމާއި ކެރިއަރުގައި އާ ޗެލެންޖެއް ނެގުމުގެ ބޭނުމުގައި ކަމަށެވެ.
ރާއްޖޭގެ މިހާރު މަސައްކަތްކުރަމުން އަންނަ ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ ނިޒާމްބެ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހޯދާފައެވެ. އަދި ހާއްސަކޮށް ޓީސީ ސްޕޯޓްސް ކުލަބާއެކު އޭނާ ކުރި މަސައްކަތް ފާހަގަކުރެވެއެވެ.
އެގޮތުން 2014 ވަނަ އަހަރު ކޮލިފިކޭޝަން ބުރުގައި ރަނގަޅު ނަތީޖާއަކާއެކު އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމުގައި ނިޒާމްބެ ގެ ދައުރު ވަރަށް ބޮޑެވެ. އަހަރަކަށް ފަހު އަހަރެއް އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ބޮޑެތި ޓީމުތައް ފަހަތަށް ޖައްސާލި ޓީމުގެ ކޯޗަކަށް ހުރީ ނިޒާމްބެ އެވެ. އަދި ލީގު ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިނެވެ. މީގެއިތުރުން އޭއެފްސީ ކަޕަށް ޓީމު ކޮލިފައިކޮށްދިނުމާއި 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތް، ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދީ ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ.
މީގެއިތުރުން ނިޒާމްބެ ވަނީ ބަންގްލަދޭޝްގެ ފުރަތަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ސައިފް ސްޕޯޓިން ކްލަބަށް ކޯޗުކަންކޮށްދީފައެވެ. އަދި ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށްވެސް ކޯޗުކަން ކޮށްދީ ރަނގަޅު ނަތީޖާތަކެއް ނެރެދީފައިވެއެވެ.