ކުޅިވަރު

ދެކުނު ކޮރެއާ ދެވަނަ ބުރަށް، އުރުގުއޭ ކަޓައިފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާ ދެވަނަ ބުރުން ޖާގަ ހޯދިއިރު، ވަރުގަދަ އުރުގުއޭ މުބާރާތުން ކަޓައިފިއެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ޕޯޗުގަލްގެ މައްޗަށް ދެކުނު ކޮރެއާއިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ލަނޑު ޕޯޗުގަލްއަށް ކާމިޔާބު ކޮށްދިނީ ރިކާޑޯ ހޯރްޓާއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮރެއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމް ޔޮން ހުވަންއެވެ.

މެޗުގެ ދެވަނަ ހާފުގައި، ޕޯޗުގަލުން ކޮރެއާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ހާއްސަކޮށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ލީޑު ކޮރެއާއިން ނެގީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ހުވަންގް ހީ ޗާންއެވެ.

މީގެ އިތުރުން ގްރޫޕް ޖީގައި އުރުގުއޭއިން ވަނީ ގާނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

މި މެޗުގެ 21 ވަނަ މިނެޓުގައި ގާނާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ގާނާގެ އާޔޫ ފޮނުވާލި ޕެނަލްޓީ އުރުގުއޭ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން އުރުގުއޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޖިއަން ޑަ އެރިސްކާޓާއެވެ. އަދި އޭގެ ހަ މިނެޓު ފަހުން އުރުގުއޭއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް އެރިސްކާޓާއެވެ.

މި ނަތީޖާތަކާއެކު ޕޯޗުގަލުން ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކޮރެއާ އާއި ތިންވަނައިގައި އޮތް އުރުގުއޭއަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ކޮރެއާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.