ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ފަހު މެޗުގައި ކެމަރޫނުން ބްރެޒިލް ބަލިކުރިއިރު، ސާބިއާ ބަލިކޮށް ސްވިޓްޒަލަންޑުން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ކެމަރޫންއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ބުރު ޔަގީންވެފައި އޮތުމުން މި މެޗަށް ބްރެޒިލުން ނުކުތީ އެ ޓީމުގެ ފުރަތަމަ އެގާރަ އެއްކޮށް ބަދަލުކޮށްގެންނެވެ. އަދި މި މެޗުގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުތީ ޑެނީ އަލްވޭސްއެވެ. އެއާއެކު އަލްވޭސް ވެގެންދިޔައީ ވޯލްޑް ކަޕުގައި ބްރެޒިލަށް ކުޅެދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
މި މެޗު ފަށައިގެން ބްރެޒިލުން ކެމަރޫންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެ ހަމަލާތައް ހުއްޓުވުމުގައި ކެމަރޫންގެ ކީޕަރު ޑާވިސް އެޕަސީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
މެޗުގެ ލީޑު ކެމަރޫންއިން ނެގީ މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން ވިންސެންޓް އަބޫބަކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެކަމަކު މި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން އަބޫބަކާ ޖާޒީ ބައިލާފައިވާތީ ރެފްރީ ވަނީ އަބޫބަކާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.
މި މެޗުން ބަލިވި ނަމަވެސް ކެމަރޫންއިން ވަނީ އުފާފާޅުކޮށްފައެވެ. ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ބްރެޒިލް އަތުން އެފްރިކާގެ ޓީމެއް މީގެ ކުރިން ބަލިވެފައެއް ނުވެއެވެ.
ގްރޫޕް ޖީގެ ދެވަނަ ހޯދި ސްވިޓްޒަލަންޑުން ސާބިއާގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 20 ވަނަ މިނެޓުގައި ސްވިޓްޒަލަންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒެރްޑަން ޝަގީރީއެވެ. އެކަމަކު ސާބިއާއިން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ސާބިއާއިން ކާމިޔާބުކުރި ދެ ލަނޑު އެޓީމަށް ޖަހައިދިނީ އެލެކްސަންޑާ މިޓްރޮވިޗް އާއި ޑޫސާން ވްލަހޯވިޗްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޓްޒަލަންޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބްރީލް އެމްބޯލާއެވެ.
ދެވަނަ ބުރުގެ ޖާގަ ސްވިޓްޒަލަންޑަށް ކަށަވަރުކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅު ރެމޯ ފްރެއޮލާއެވެ.
މި ނަތީޖާތަކާއެކު ބްރެޒިލާއި ސްވިޓްޒަލަންޑް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ދެވަނަ ބުރުގައި ބްރެޒިލުނުް ނުކުންނާނީ ގްރޫޕް އެޗްގެ ދެވަނަ ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ. އަދި ސްވިޓްޒަލަންޑް ނުކުންނާނީ ގްރޫޕް އެޗްގެ އެއްވަނަ ހޯދި ޕޯޗުުގަލާ ދެކޮޅަށެވެ.