ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު ޖަލީލުގެ ކޮނޑުހުޅަށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
އަޒްޔާން މިވަގުތު ކުޅެމުން އަންނަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްޓަން ޕެނިންސޫލާ ކްރިކެޓު ކުލަބަށެވެ. އެ ކުލަބާ އަޒްޔާން ގުޅުނީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ.
އޮސްޓްރޭލިއާ ކުލަބުގެ ފަރިތަކުރުންތަކުގައި ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ މި ވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. މި އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް ކްރިކެޓް ކުޅުންތެރިޔާ ވަނީ މި އަނިޔާއާ ގުޅިގެން ސާޖަރީއެއް ހެދުމަށް ޑޮކްޓަރު އިރުޝާދުދީފައިވާ ކަމަށް ބުނެފައެވެ. އަދި ސާޖަރީއެއް ހަދާނީ އެނބުރި މާލެ އައިސް މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ބުނެއެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްޓަން ޕެނިންސިއުލާއަށް ކުޅުމުގެ ފުރުސަތު އަޒްޔާނަށް ތަނަވަސްކޮށްދިނީ މީގެކުރިންވެސް އެ ގައުމުގައި އަޒްޔާނަށް ކުޅުމުގެ ފުރުސަތު ހޯދައިދިން ކޯޗު ޑީން ވުޑްފޯޑެވެ.
އުމުރުން 22 އަހަރުގެ އަޒްޔާން ވަނީ ޑީން ވުޑްވޯޑުގެ އެހީތެރިކަމާއެކު ދެ އަހަރު ވަންދެން ވިކްޓޯރިއާގެ އެހެން ކުލަބެއް ކަމަށްވާ ކެންގަރޫސް ކްރިކެޓް ކުލަބަށް ކުޅެފައެވެ. އެއީ 2018 އަދި 2019 ވަނަ އަހަރުގައެވެ.
މިއަހަރުވެސް ކެންގަރޫސްއަށް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބުނު ނަމަވެސް އައު ކުލަބެއް ހިޔާރުކުރީ އައު ޗެލެންޖަކާ ކުރިމަތިލުމުގެ ބޭނުމުގައި ކަމަށް އަޒްޔާން ވަނީ ފާހަގަކޮށްފައެވެ.
އޮސްޓްރޭލިއާގެ މަތީ ފެންވަރުގެ ކުޅުންތެރިންވެސް ވާދަކުރަމުން އަންނަ ވިކްޓޯރިއަން ޕްރިމިއާ ލީގަކީ އެ ގައުމުގައި އަރަމުން އަންނަ ކްރިކެޓް ކުޅުންތެރިންނަށް މުހިންމު މުބާރާތެކެވެ. އެ މުބާރާތުގެ ސަބަބުން އަޒްޔާނަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދިޔަ ކަމަށް އޭނާ ވަނީ މީގެކުރިން ފާހަގަކޮށްފައެވެ.
ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ އަޒްޔާން ދަނީ ގައުމީ ކްރިކެޓް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ފުރުސަތާއެކު އަޒްޔާންގެ އަމާޒަކީ އިތުރު ކުރިއެރުންތަކެއް ހޯދުމެވެ.