ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނަށް ހުޅުވާލައިގެން ބޭއްވި ދެވަނަ މައިގްރަންޓް ވޯކާސް ކްރިކެޓް ކާނިވަލް 2022 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ބޭއްވި މުބާރާތެކެވެ.
އެއް ދުވަހަށް ކުރިޔަށްދިޔަ މި މުބާރާތް ކުރިޔަށްދިޔައީ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކްރިކެޓް ދަނޑުގައެވެ. މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރު އާއި ސްރީލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އޭއެމްޖޭ ސާދިގެވެ. މި ދެ ބޭފުޅުން ވަނީ މުބާރާތް ފެއްޓެވުމުގެ ގޮތުން ބެޓިން ކޮށްފައެވެ.
ބޯ ވިއްސާރައިގައި ކުރިޔަށްދިޔަ މި މުބާރާތުގައި ޖުމްލަ 19 މެޗު ވަނީ ކުޅެފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފްރެންޑްސް ކްރިކެޓް ކުލަބެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔުނިޓީ ކްރިކެޓް ކުލަބާއި ވާދަކޮށްގެންނެވެ.
މި މުބާރާތުގެ ތެރެއިން ބިދޭސީންނަށް ހާއްސަކޮށް ހެލްތް ސްކްރީން ޕްރޮގްރާމަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ ކުރިޔަށްގޮސްފައެވެ. މިއީ މި ކާނިވަލް ކާމިޔާބުކަމާއެކު ބޭއްވި ދެވަނަ އަހަރެވެ.