ކުޅިވަރު

ގާނާ ޓީމުގެ ކޯޗުކަމުން އޮޓޯ އޮޑޯ ވަކިވެއްޖެ


ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ގާނާ ޓީމްގެ ކޯޗް އޮޓޯ އޮޑޯ މަގާމުން ވަކިވެއްޖެއެވެ.

އޭނާ މަގާމުން ވަކިވެފައިވަނީ މިފަހަރުގެ ވާރލްޑް ކަޕްގައި ދެވަނަ ބުރަށް އެޓީމް ނުގޮސް ފުރަތަމަ ބުރުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހުމުންނެވެ.

އުމުރުން 47 އަހަރުގެ އޮޑޯ ގާނާގެ ކޯޗް ކަމާއި ހަވާލުވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެޓީމްގެ ކުރީގެ ކޯޗް މިލޮވާން ރަޔެވެކް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އޮޑޯ ހާމަކުރިގޮތުގައި އޭނާ ވާނީ މިފަހަރުގެ ވާރލްޑް ކަޕަށް ކޮލިފައިވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުނު ކަމުގައިވީ ނަމަވެސް މުބާރާތަށް ފަހު މަގާމުން އިސްތިއުފާ ދޭނެކަން ކުރިން ހާމަކޮށްފައެވެ.

އޭނާގެ އާއިލާއިން އޭނާގެ މުސްތަގްބަލް ބިނާކުރަން ބޭނުންވަނީ ޖަރުމަނުވިލާތުގައި ކަމަށްވެސް އޭނާ ހާމަކުރިއެވެ. އޮޑޯއަކީ ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑްގެ ޓެލެންޓް ކޯޗުގެ މަގާމުވެސް ފުރަމުންދާ ފަރާތެކެވެ.

މި ފަހަރުގެ ވާރލްޑް ކަޕްގައި ގާނާވަނީ ގްރޫޕް އެޗްގައި ދެކުނު ކޮރެއާއަތުން މޮޅުވި ނަމަވެސް ދެން ކުޅުނު ދެމެޗް ކަމަށްވާ ޕޯޗުގަލް އާއި އުރުގުއާއީ އަތުން ބަލިވެ ގްރޫޕްގެ އެންމެ ފަހަތަށް ގޮސްފައެވެ.

އޮޑޯ ހާމަކުރިގޮތުގައި ފުޓްބޯޅަ އަކީ ވަރަށް ރީތި ކުޅިވަރެއް ކަމަށެވެ. އޮޑޯ އުފަންވެފައިވަނީ ޖަރުމަނުގެ ހެމްބާގްގައި ގާނާގެ ދެމަފިރިއަކަށެވެ. އަދި އޭނާގެ ކުޅުމުގެ ބޮޑު ބަޔަކާއި ކޯޗިންގެ ބޮޑު ބައި ހޭދަކޮށްފައިވަނީ ޖަރުމަނުވިލާތުގައެވެ.