ކުޅިވަރު

ޓިއުނީޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޙަޒްރީ ކުޅުން ހުއްޓާލައިފި


މިފަހަރުގެ ވާރލްޑް ކަޕްގައި ވާދަކުރި ޓިއުނީޝިއާ ޓީމްގެ ތަޖްރިބާކާރު ކުޅުންތެރިޔާ ވަހްބީ ޙަޒްރީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކޮށްފިއެވެ.

ޙަޒްރީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައިމިވަނީ މިފަހަރުގެ މުބާރާތުގެ ފުރުތަމަ ބުރުން މުބާރާތަށް އަލްވާދާއު ކިޔާފައިވަނިކޮށެވެ. ޙަޒްރީވަނީ މިފަހަރުގެ މުބާރާތުގެ ގްރޫޕް ޑީގައި އެޓީމް ކުޅުނު ފަހު މެޗްގައި ފަރަންސޭސިވިލާތް އަތުން މޮޅުމެޗްގައި ލަނޑު ޖަހާދީފައެވެ.

މި ލަނޑާއެކު އޭނާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާއިރު ޙަޒްރީ ވެފައިވަނީ ވާރލްޑް ކަޕްގައި ޓިއުނީޝިއާއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާ އަށެވެ. އެއީ 2018 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ކާމިޔާބުކޮށްދިން ދެ ލަނޑާއެކުއެވެ. ޙަޒްރީ ހާމަކުރިގޮތުގައި ޓިއުނީޝިއާ ޤައުމީ ޓީމަށް އޭނާއަށް ކޮށްދެވުނު ހިދުމަތާމެދު ފަހްރުވެރިވާ ކަމަށެވެ.

މިހާރުގެ އަރަމުން އަންނަ ކުޅުންތެރިންނާއެކު ޓިއުނީޝިއާގެ މުސްތަގްބަލް އަލިކަމަށްވެސް އޭނާފާހަގަ ކުރިއެވެ. އަދި މިއީ އޭނާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުން އެންމެ މުނާޒަބު ވަގުތު ކަމަށްވެސް ހަޒްރީ ސިފަކުރިއެވެ. މިގޮތުން ފްރަންސޭސި މެޗަށްފަހު ހުރިހާ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނަށް ޝުކުރު އަދާކޮށް ކުޅުން ހުއްޓާލާ ވާހަކަ ހިއްސާކޮށްފައިވާނެ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ފަރަންސޭސިވިލާތުގެ ރަށެއް ކަމަށްވާ ކޯސިކާއަށް އުފަން ޙަޒްރީ ހާމަކުރިގޮތުގައި 1880 ވަނަ އަހަރުން ފެށިގެން 1956 ވަނަ އަހަރު މިނިވަންކަން ލިބެންދެން ފަރަންސޭސީންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ޓިއުނީޝިއާއަށް ފަރަންސޭސީންގެ އަތުން މޮޅުވެވުމުން ލިބުނު ހިތްހަމަޖެހުން އެތައް ގުނައެއް އިތުރުވެގެންދިޔަ ކަމަށާއި އަދި ހާއްސަކޮށް އެ މެޗުން މޮޅުވި ލަނޑު ޖެހުމުން ވަރަށް އުފާވި ކަމަށެވެ. ޙަޒްރީ ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޤައުމީ ޓީމަށް 74 މެޗް ކުޅެދީ 25 ލަނޑު ޖަހާދީފައެވެ.