އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފި އެވެ.
މި މެޗް ވޮރިއަރސް ކާމިޔާބުކޮށްފައިވަނީ 119 ޕޮއިންޓް 111 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ކްލޭ ތޮމްޕްސަން އެވެ.
ބުލްސްގެ ނިކޮލާ ވުސެވިޗްވަނީ 23 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. މިމުބާރާތުގައި ރެއާއި މިއަދު ވެފައިވީ ފާހަގަ ކޮށްލެވޭ ބޮޑެތި ޓީމްތައް ބަލިވި މެޗްތަކެއް ފެނިގެންދިޔަ ފަހަރެއްގޮތުގައެވެ. މިގޮތުން އީސްޓަރން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ ބޮސްޓަން ސެލްޓިކްސް އާއި މައޭމީ ޓީމް ބައްދަލުކުރިމެޗް 120 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ.
މި މެޗްގައި ހީޓްގެ ޖިމީ ބަޓްލަރވަނީ 25 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްގެ ޖޭލެން ބްރައުން ވަނީ 37 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. ހަމައެއާއެކު އީސްޓަރން ކޮންފަރެންސްގެ ދެވަނައިގާ އުޅޭ މިލްވައުކީ ބަކްސް އާއި ލޮސްއެންޖަލިސް ލޭކަރސް ބައްދަލުކުރި މެޗް 133 ޕޮއިންޓް 129 ޕޮއިންޓުން ކާމިޔާބުކުރީ ލެކަރސްއެވެ.
މި މެޗްގައި ލޭކަރސްގެ އެންތަނީ ޑޭވިސްވަނީ 44 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯ އެވެ.
މި މުބާރާތުގައި ވެސްޓަރން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ ފީނިކްސް ސަންސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗް 122 ޕޮއިންޓް 121 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ރޮކެޓްސްއެވެ. މެޗްގައި ރޮކެޓްސްގެ ޖަލެން ގްރީންވަނީ 30 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ސަންސްގެ ޑެވިން ބޫކަރވަނީ 41 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 8 އެސިސްޓްކޮށްފަ އެވެ.