އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އަނބުރާ ދައްކާފައިވާކަމަށް ޕާކިސްތާނުގެ މަރުކަޒީ ބޭންކުން ބުނެފިއެވެ. ޕާކިސްތާނުގެ މަރުކަޒީ ބޭންކުން މިހެން ބުނީ އެޤައުމުގެ ބޭރުގެ ދަރަނިތައް އަދާކުރުމުގެ ގާބިލުކަމާއި މެދު ޔަގީންކަން ނެތްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު މުއްދަތު ހަމަވާ ލޯނު ރިޕޭމަންޓްގެ ޖުމްލަ އަގަކީ 1.08 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް މަރުކަޒީ ބޭންކުގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެސްބީޕީގެ ރިޒާވްގައި ހުރީ 7،498.7 މިލިއަން އެމެރިކާ ޑޮލަރެވެ. އޭގެ ފަހުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުން ވަނީ 500 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. އަދި ސައުދީ އަރަބިއްޔާއިން ވަނީ ޕާކިސްތާނުގެ ފޮރިން ރިޒާވްގައި ޖަމާކޮށްފައިވާ ތިން ބިލިއަން ޑޮލަރުގެ މުއްދަތު ވެސް ހުކުރު ދުވަހު އިތުރުކޮށްފައެވެ.
ސައުދީ އަރަބިއްޔާއިން މިދިޔަ އަހަރުގެ ފަހުކޮޅު ޕާކިސްތާނުގެ މަރުކަޒީ ބޭންކަށް އެ ފައިސާ ޖަމާކުރީ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ އެ ގައުމުގެ ރިޒާވް ވަރުގަދަ ކުރުމަށް ލޯނެއްގެ ގޮތުގައެވެ.
ޕާކިސްތާނަށް ވަނީ އެގައުމުގެ ބޭރުގެ ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. އެގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން ދޭ 7 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލް އައުޓް ޕެކޭޖްގެ 9 ވަނަ ރިވިއުއަށް ޕާކިސްތާނުން މިހާރު އަންނަނީ އިންތިޒާރުކުރަމުންނެވެ.
ޖަޕާން ބޭންކް އޮފް އިންޓަރނޭޝަނަލް ކޯޕަރޭޝަން އާއިއެކު 26.150 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަލުން ތާވަލުކުރަންވެސް ޕާކިސްތާނުގެ މާލީ ވުޒާރައިން ވަނީ ނިންމާފައެވެ.
ދެކުނު އޭޝިއާއަށް ނިސްބަތްވާ ޕާކިސްތާނުގެ އިގްތިސާދަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާއިރު، އޭގެ ތެރޭގައި 1،700 މީހުން މަރުވެ ފެންބޮޑުވި ހާދިސާއާއި، ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ދިހަވަރަކަށް އަހަރު ވަންދެން އިންފްލޭޝަން މަތިވުން ހިމެނެއެވެ.
އިގްތިސާދީ ބޮޑެތި ހަލަބޮލިކަމާއެކު، ބެލެންސް އޮފް ޕޭމަންޓްސްގެ ދަތިކަމާއި ކުރިމަތިލާން ޕާކިސްތާނަށް ޖެހިފައިވާއިރު، ބޭރު ފައިސާގެ ރިޒާވް ވަނީ 7.59 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. މިއީ މަހެއްހާ ދުވަހު އިމްޕޯޓްކުރުމަށް ކިރިޔާ ފުދޭވަރުގެ ފައިސާއެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ފުޅާވުމާއި އެމެރިކާ ޑޮލަރާ އަޅާބަލާއިރު ޕާކިސްތާނުގެ ފައިސާ ކަމަށްވާ، ރުޕީގެ އަގު ދަށްވުމުގެ އިތުރުން އެ ގައުމުގެ އިންފްލޭޝަން އޮކްޓޫބަރު މަހު ވަނީ %26.6 މަތިވެފައެވެ.