ކުޅިވަރު

ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާއަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ދެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަޕާން ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި، ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުންނެވެ. އަދި އިތުރު ވަގުތުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާ ވަނީ ނުނެރެވިއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖަޕާނުންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޖަޕާނަށް މި ލަނޑު ޖަހާދިނީ މައީޑާއެވެ. މިއީ ކެޕްޓަން މާޔާ ޔޮޝީޑާގެ އެހީތެރިކަމާއެކު މައީޑާ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން ކްރޮއޭޝިއާއިން ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އިވާން ޕެރިސިޗްއެވެ.

އޭގެ ފަހުން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޖަޕާނުގެ ކީޕަރު ގޮންޑާއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމަށްވެސް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ކްރޮއޭޝިއާއިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ޖަޕާނުގެ ފުރަތަމަ ޕެނަލްޓީ ޖެހި ޓަކޫމީ މިނަމީނޯ ޖެހިއިރު، އެ ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ލަވާކޮވިޗް ވަނީ މަތަކޮށްފައެވެ. އަދި ޖަޕާނުގެ މިނާމޯ ފޮނުވާލި ޕެނަލްޓީއާ ކެޕްޓަން ޔޮޝީޑާގެ ޕެނަލްޓީވެސް ލަވާކޮވިޗް ވަނީ މަތަކޮށްފައެވެ.