ރަޝިޔާގެ ތެޔޮ ޔޫރަޕަށް ގަންނަ އެންމެ ބޮޑު އަގަކީ 60 ޑޮލަރަށް ފީފާއެއް ކަމަށް ޖީ-7ގެ ގައުމުތަކުން ކަނޑައެޅުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.
ތެލުގެ ބެންޗް މާކް ކަނޑައަޅާ، ބްރެންޓް ތެޔޮ ފީފާއެއްގެ އަގު އިއްޔެ ވަނީ %2އަށް އިތުރުވެ ފީފާއެއް 87 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ނަމަވެސް މިއީ ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ތެލުގެ އަގު އުފުލުނު މިންވަރަށްވުރެ ދަށް މިންވަރެކެވެ.
ޖީ-7 ގައުމުތަކާއި، އޮސްޓްރޭލިއާއާއި ޔޫރަޕް އިއްތިހާދުވެސް ހިމެނޭ ގޮތަށް ވަނީ ރަޝިއާގެ ތެލަށް އަގެއް ކަނޑައަޅައި ކޮންޓްރޯލުކޮށްފައެވެ. އެއީ ސާފުނުކުރާ ފީފާއަކަށް 60 އެމެރިކާ ޑޮލަރެވެ. އީޔޫ، ޖީ-7 އަދި އޮސްޓްރޭލިއާއިން މިދިޔަ ހުކުރު ދުވަހު ނިންމާފައި ވަނީ ކަނޑުމަގުން ރަޝިއާއިން ޔޫރަޕަށް އެތެރެކުރާ ތެޔޮ ފީފާއެއް 60 ޑޮލަރަށް ވުރެ ބޮޑު އަގެއްގައި ނުގަތުމަށެވެ.
ނަމަވެސް ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ރަޝިއާގެ ތެލަށް ހުޅަނގުން ވަކި އަގެއް ކަނޑައަޅައި އަގު ކޮންޓްރޯލްކުރި ނަމަވެސް ދުނިޔޭގެ މާކެޓްގައި ރަޝިއާގެ ތެލަށް އޮތް ޑިމާންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ. އަދި އަގު ކަނޑައެޅި ނަމަވެސް އެކަން ގަބޫލުވެސް ނުކުރާނެ ކަމަށް ރަޝިއާ އިން ބުނެއެވެ.
ތެލުގެ އަގު ކަނޑައެޅުމަށް ޖީ7 އިން ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ ފިޔަވަޅަކީ ތެޔޮ އެކްސްޕޯޓުކުރުމުން މޮސްކޯއަށް ފައިދާވުން ހުއްޓުވައި އަގު އުފުލިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ރަޝިޔާއަށް ބޮޑު އަގުގައި ތެޔޮ ވިއްކުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. އެއީ ބޮޑެތި ޝިޕިން އަދި އިންޝުއަރެންސް ކުންފުނިތަކަކީ ޖީ7ގެ ތެރޭގައި ހިމެނޭ ކުންފުނިތަކަށްވާތީއެވެ.
ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ ރަޝިޔާއަށް އެކަމުން މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. އޭނާ ބާރު އެޅުއްވީ ރަޝިޔާއިން ތެޔޮ ފީފާއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 30 އެމެރިކާ ޑޮލަރު ކަމަށް ކަނޑައެޅުމަށެވެ.
ރަޝިއާގެ ތެލަށް އަގު ކަނޑައެޅިއިރު، ދުވާލަކު 2 މިލިއަން ފީފާ ތެޔޮ ނޮވެމްބަރު މަހުން ފެށިގެން މަދުކުރާ ގޮތަށް އޮތް އުސޫލަށް ޢަމަލު ކުރަމުން ގެންދިއުމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީސް، އޯޕެކުން ވަނީ ނިންމާފައެވެ.
ނޮވެމްބަރު މަހުން ފެށިގެން ދުވާލަކު ދެ މިލިއަން ފީފާގެ ތެޔޮ މަދުކުރުމަށް، އޯޕެކާއި ރަޝިއާ ހިމެނޭ، އޯޕެކް ޕްލަސްއިން އޮކްޓޫބަރު މަހު ރިޔާޟްގައި ބޭއްވި ބައްދަލުވުމުން ވަނީ ނިންމާފައެވެ. މިއީ 2020 ވަނަ އަހަރު ކޯވިޑުގެ ބަލިމަޑުކަމަށްފަހު އެންމެ ބޮޑަށް ދަށްކުރި ކުރުމެވެ.
ރަޝިއާގެ ތެލަށް އަގު ކަނޑައެޅުމުގެ އިތުރުން ބައެއް ގައުމުތަކުގައި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލައި ތެލަށް އޮތް ޑިމާންޑް އިތުރުވުމުންވެސް ތެލުގެ އަގު އުފުލެން މެދުވެރިވެފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ރަޝިޔާގެ ތެޔޮ އެންމެ ގިނަ އަދަދަކަށް ގަންނަ ދެ ގައުމަކީ އިންޑިއާ އާއި ޗައިނާއެވެ.