ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގައި ވަރުގަދަ ސްޕެއިން ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުން މޮރޮކޯ ޖާގަ ހޯދައިފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރުވެސް މެޗު އޮތީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންވެ، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މޮރޮކޯއިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ކުޅުނުއިރު، ސްޕެއިނަށް ލަނޑު ޖަހަން އެންމެ ހުސްފުރުސަތެއް ލިބުނީ މާކޯ އެސެންސިއޯއަށެވެ. އެކަމަކު އެސެންސިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯގެ ނުސެއިރު މަޒަރާއީއަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު އުނައި ސިމިއޯނީ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި މޮރޮކޯގެ ވާލިދު ޗެދީރާ ފޮނުވާލި ހަމަލާ ވެސް ސިމިއޯނީ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ހުއްޓައި ސްޕެއިންގެ ޑެނި އޮލްމޯއަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މޮރޮކޯއިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިނުން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން ސްޕެއިންގެ ކާލޯސް ސޮލާ އާއި ކެޕްޓަން ސާޖިއޯ ބުންސެކްޓްސް ޖެހި ޕެނަލްޓީ މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯ ވަނީ ދިފާއުކޮށްފައެވެ. ސްޕެއިންގެ ޕަބްލޯ ސަރާބިއާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ.
މޮރޮކޯއިން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން ބަދްރާ ބެނޫން ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ކީޕަރު ސިމިއޯން ވަނީ ދިފާއުކޮށްފައެވެ. އެކަމަކު އަބްދުލްހަމީދު ސަބީރީ އާއި ހަކީމް ޒިޔޭޝް އަދި އަޝްރަފް ހަކީމީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ.