ބޭރުގެ ދަރަނިތައް އަދާކުރުމަށް ފަގީރު ގައުމުތަކުން ބޮޑު ހޭދައެއް ކުރަމުން އަންނަކަމަށް ވޯލްޑް ބޭންކުގެ އަހަރީ އިންޓަރނޭޝަނަލް ޑެޓް ރިޕޯޓުގައި ބުނެފިއެވެ.
ދަރަނި އަދާކުރުމަށް ފަގީރު ގައުމުތަކުގެ އެކްސްޕޯޓުން ލިބޭ އާމްދަނީގެ ދިހަ ބައިކުޅަ އެއްބައި ހޭދަކުރާއިރު، މިއީ 2000 ވަނަ އަހަރުގެ ފަހުން ދަރަނި އަދާކުރުމަށް މިހާ ބޮޑު ހޭދައެއް ގައުމުތަކުން ކުރާ ފުރަތަމަ ފަހަރު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ގައުމުތަކުގެ ދަރަނި ބޮޑުވެފައި ވަނީ ގައުމުތައް މުއްސަނދިވާ މިންވަރު ދަށަށްގޮސްފައިވާތީކަމަށް ރިޕޯޓްގައި ބުނެފައިވާއިރު ފަގީރު ގައުމުތަކުގެ ދަރަނި ވަނީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެހެން ގައުމުތަކަށްވުރެ މާ އަވަހަށް އިތުރުވެފައިކަމަށްވެސް ރިޕޯޓްގައިވެއެވެ. އެގޮތުން ފަގީރު ގައުމުތަކުގެ މެދުގައި އޮތް ބޭރުގެ ދަރަނީގެ އަދަދު 9 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރެއް ކަމަށްވާ އިންޓަރނޭޝަނަލް ޑިވެލޮމެންޓަލް އެސޯސިއޭޝަން، އައިޑީއޭގެ މެމްބަރުން އަންނަނީ މި ގައުމުތަކަށް އެހީތެރިވަމުންނެވެ. އައިޑީއޭގެ އެހީތެރިކަން ލިބެން ޝަރުތު ހަމަވާ ގައުމުތަކުގެ ބޭރުގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 46.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ އެ ގައުމުތަކުން މުދަލާއި ހިދުމަތް އެކްސްޕޯޓްކުރި މިންވަރުގެ ގާތްގަނޑަކަށް %10.3 އެވެ. 2010 ވަނަ އަހަރު އެ އަދަދު ހުރީ %3.2 ގައި ކަމަށް ރިޕޯޓުގައިވެއެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް ޑޭވިޑް މަލްޕާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ވަނީ އިތުރުވެފެއެވެ. އަދި ދަރަނި ކުޑަކޮށް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށާއި އަވަސް ގޮތެއްގައި ރީސްޓްރާކްޗަރ ކުރުމަށް ރަނގަޅު މިންގަޑުތަކެއް އެކަށައަޅަން ޖެހޭ ކަމަށްވެސް މަލްޕާސްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ދަރަނި ދެއްކުން ލުއި ކޮށްދިނުމުގެ ގޮތުން ޕްލޭންތައް ރޭވުމަކީ އާ ކަމެއް ނޫނެވެ. 2020 ވަނަ އަހަރު ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް، ޑީއެސްއެސްއައި އުފެއްދީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހުމުންނެވެ. ޑީއެސްއެސްއައި އިން ވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް 48 ގައުމެއްގެ ޖުމްލަ 8.9 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުން ފަސްކޮށްދީފައެވެ. ނަމަވެސް އެއީ ގައުމުތަކުގެ ދަރަނީގެ ޖުމްލަ އަދަދު ކަމަށްވާ 99 ބިލިއަން އެމެރިކާ ޑޮލަރުން ކުޑަ މިންވަރެއް ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުން އާންމު ދަރަނި ދައްކަންޖެހޭ މިންވަރު 2021 ވަނަ އަހަރާއި ބަލާއިރު މިއަހަރު ވަނީ %35 އަށް އިތުރުވެ، 62 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި އިންޓަރެސްޓު މަތިވުމުގެ މައްސަލައާއި ގައުމުތަކުގެ ފައިސާގެ އަގު ދަށްވުމުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރުވެސް މި އަދަދު އިތުރުވާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ވޯލްޑް ބޭންކުން ބުނިގޮތުގައި ރިސްކް މެނޭޖްކުރުމާއި، ދަރަނި އަލުން އެކުލަވާލުމުގެ ކަންކަން އަވަސްކުރުމުގައި ގައުމުތަކަށް އެހީތެރިވުމަށްޓަކައި، ދަރަނީގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަވަހަށް ހާމަކުރުމާއި ބޭނުންވެފައިވާ ކަންކަމެވެ.
2021 ވަނަ އަހަރު ނިމުނުއިރު އާމްދަނީ ދަށް އަދި މެދުފަންތީގެ ގައުމުތަކުގެ ގެރެންޓީ ކުރެވިފައިވާ ދަރަނީގެ %61 އަމިއްލަ ކްރެޑިޓަރުންނަށް ދައްކަންޖެހިފައިވާއިރު، މި އަދަދު 2010 ވަނަ އަހަރު ހުރީ 46% ގައެވެ.