ރާއްޖޭގައި ޑްރޯން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ އަންނަ އަހަރުތެރޭ ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
މިނިސްޓަރ ނަހުލާ ދެއްވި ހިތާބުގައި ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްކާއި ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި މި ދާއިރާއިން އިތުރު ޙަރަކާތްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މިއަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ އިންތިޒާމްތައް ނިންމާލެވޭނެ ކަމަށާއި، ރާއްޖޭގައި ޑްރޯން މެދުވެރުކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު ހުއްދަދޫކުރަން ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އޭވިއޭޝަން ހަރަކާތްތައް ކުރިއަރުވައި ތަރައްޤީކުރުމުގެ މަސައްކަތުގައި ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މިއަހަރަށް ކަނޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ލަނޑުދަނޑި މިއަހަރު ނިމުމުގެ ކުރިން ހާސިލްކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކޯވިޑު- 19ގެ ކުރީގެ ޙާލަތު، 2019ވަނަ އަހަރުގެ އަދަދުތަކާ އެއްހަމަ ކުރެވުންދާ ކަމަށާއި ބައިނަލްއަޤްވާމީ އުދުހުންތަކުގެ ހަރަކާތްތައް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުރީ 2019ވަނަ އަހަރުގެ އަދަދުގެ 97 އިންސައްތައަށްވުރެ މަތީގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކުގެ ހަރަކާތްތައް ހުރީ 90 އިންސައްތައަށްވުރެ މަތީގައި ކަމަށާއި، ރާއްޖޭގައި ޓްރާންސިޓްކުރާ ފަސިންޖަރުންގެ އަދަދުތައް ހުރީ 2019ވަނަ އަހަރުގެ އަދަދުތައް ފަހަނައަޅާގޮސް 71 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ވައިގެ ދަތުރުފަތުރުގެ އެތެރޭގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތްކުރަމުންދާއިރު، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމައާ ދެމެދު އޮންނަ ވައިގެ ގުޅުންތައް އިތުރަށް ފުޅާކުރުމަކީ މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރު ރާއްޖެވަނީ ރުވަންޑާއާއެކު "އެއާ ސާވިސަސް އެގްރީމެންޓު"ގައި ސޮއިކޮށްފައިވާ ކަމަށާއި، ކަޒަކިސްތާނާއެކުވެސް ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއާ އެކު 35 ޤައުމަކާއެކު ރާއްޖެއިން "އެއާ ސާވިސަސް އެގްރީމެންޓު"ގައި ސޮއިކޮށްފައިވާއިރު، 15 ގައުމަކާއެކު އެއްބަސްވުމުގައި މިހާރުވަނީ ސޮއިކޮށްފައިއެވެ. މި އެއްބަސްވުންތަކުގެ ޒަރިއްޢާއިން 27 ގައުމެއްގެ 43 އެއާލައިން ރާއްޖެއަށް މިހާރު އޮޕަރޭޓުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ " އޭވިއޭޓާސް ނެކްސްޓް ޖެން"ގެ ނަމުގައި ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކޮށް ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ސްކޮލަރޝިޕް އެވޯޑުކުރެވިފައިވާކަމަށާއި، ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވި ފަރާތްތައް މިހާރު ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
އެ ސްކޮލަރޝިޕްތަކުގެ ސަބަބުން އެއާ ނެވިގޭޝަން ދާއިރާގެ އިންސްޕެކްޓަރުން ތަމްރީނު ކުރުވުމުގެ އިތުރުން ބޮޑެތި ބޯޓުތަކުގެ ޕައިލެޓް ރޭޓިންގތައް އޮތޯރިޓީގެ އިންސްޕެކްޓަރުންނަށް ވަނީ ލިބިފައެވެ. ޕްލޭނަކީ ސްކޮލަރޝިޕް ސްކީމް ކުރިއަށް ގެންގޮސް އޮތޯރިޓީގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރަމުން ގެންދިޔުން ކަމަސް މިނިސްޓަރ ވިދާޅުވިއެވެ.