ކުޅިވަރު

ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުތަކުގެ ފައިދާ ކުރާނީ ކުލަބުތަކަށް: އެޑަމް


ބާސްކެޓް ސީޒަން ކުރިއަށްހުރި މެޗުތައް ބެލޭނީ ޓިކެޓް ގަނެގެން ކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެއެވެ.

އެޑަމް ވިދާޅުވީ، މިއީ ބާސްކެޓްގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، އެގޮތުން ޓިކެޓް ވިއްކައިގެން ބާސްކެޓް މެޗުތައް ބެލުމަށް ސަޕޯޓަރުންނަށް ފުރުސަތު ދިނުމުން އޭގެ ފައިދާ ކުރާނީ، ކުލަބްތަކަށް ކަމަށް އެޑަމް ވިދާޅުވިއެވެ.

އެޑަމް ވިދާޅުވީ، މިއީ ބާސްކެޓް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން ކުރިއަށް ހުރި ދުވަސްތަކުގައި އިންވިޓޭޝަނަލް ރާއްޖެއިން ބޭރު ކުލަބްތަކަށް ފުރުސަތު ދީގެން ދިވެހި ކުޅުންތެރިންނާ ކޮމްޕީޓް ކުރުމުގެ ފުރުސަތު ދިނުމަށް ރާވަމުން އަންނަ ކަމަށްވެސް އެޑަމް ވިދާޅުވިއެވެ.
އެޑަމް ވިދާޅުވީ، ޓިކެޓް ވިއްކައިގެން މެޗުތައް ކުޅުނު ކަމުގައިވީ ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، އެގޮތުން ރޭގެ މެޗުވެސް ކުޅެވިގެންދިޔައީ ސަޕޯޓަރުންނާއެކު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ފުރާލާގެން ކަމަށެވެ. އަދި މި ކަމުގައި ކުލަބްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް އެޑަމް ވިދާޅުވިއެވެ.

މީގެ ކުރިން ޓިކެޓް ވިއްކައިގެން ސަޕޯޓަރުން ދަނޑައް ވައްދާފައިވަނީ ފުޓުބޯޅަ މެޗުތަކުގައި އެކަންޏެވެ. އެކަމަކު މިހާރު ދަނޑަށް ސަޕޯޓަރުން ވަންނަ އަދަދު މަދުވުމުން ފުޓުބޯޅަ ސީޒަނުގައިވެސް ސަޕޯޓަރުނަށް ޓިކެޓެއް ނުވިއްކައެވެ.