ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ ނޮވެމްބަރުމަހު ޗައިނާއިން މުދާ އެކްސްޕޯޓްކުރި މިންވަރާއި އިމްޕޯޓުކުރި މިންވަރުވެސް ދަށްވެފައިވާކަމަށް ބުދަދުވަހު އާންމުކޮށްފައިވާ އެ ގައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
މުދާ އެކްސްޕޯޓްކުރި މިންވަރާއި އިމްޕޯޓުކުރި މިންވަރު ނޮވެމްބަރުމަހު ދަށްވެފައިވާއިރު މިއީ 2000 ވަނަ އަހަރުގެ ކުރީކޮޅުގެ ފަހުން ޗައިނާގެ އެކްސްޕޯޓު އިމްޕޯޓު ދަށްވި ފުރަތަމަ ފަހަރެވެ.
ޒީރޯ ކޯވިޑު ސިޔާސަތު އަދިވެސް ގެންގުޅޭ ޗައިނާގައި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފުރަބަންދުކޮށް، ދަތުރުފަތުރުކުރުމުގައި ފިޔަވަޅުތައް އެޅުމުގެ ސަބަބުން ވިޔަފާރިތައް ހުއްޓި، ތަކެތި ލިބުން ދަތިވުމުގެ އިތުރުން ތަކެތީގެ ޑިމާންޑުވެސް ވަނީ ދަށްވެފައެވެ.
ޗައިނާގެ ކަސްޓަމްސްގެ ޖެނެރަލް އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި ނޮވެމްބަރު މަހު އިމްޕޯޓް ކުރި މިންވަރު އަހަރުން އަހަރަށް ބަލާއިރު %10.6 ދަށްވެފައިވާއިރު، މިއީ 2020 ވަނަ އަހަރުގެ މެއި މަހުގެ ފަހުން އެންމެ ބޮޑު ދަށްވުމެކެވެ.
މީގެއިތުރުން، މި މުއްދަތުގައި އެކްސްޕޯޓް %8.7 ދަށްވެފައި ވާއިރު، މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު، ކޯވިޑުގެ ބަލިމަޑުކަމުގެ ކުރީކޮޅު ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހުނު ފަހުން އެންމެ ބޮޑު ދަށްވުމެކެވެ.
އެތެރެއާއި ބޭރުގެ ޑިމާންޑު ދަށްވެ، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ އެކްސްޕޯޓާއި އިމްޕޯޓަށް އަސަރު ކުރާނެކަމަށް ކުރިންވެސް ލަފާކޮށްފައިވާކަމަށް ޖޯންސް ލެންގެ ލާސެލްގެ އިގްތިސާދީ މާހިރު ބުރޫސް ޕަންގް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގެ ފެކްޓްރީ އުފެއްދުންތައް ނޮވެމްބަރު މަހު ވަނީ ވިދިވިދިގެން ދެ މަސް ދުވަހު ދަށްވެފައެވެ. އުފެއްދުންތެރިކަން ދަށްވެފައި ވަނީ އެ ގައުމުގެ ބޮޑެތި ސަރަހައްދުތައް ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއެރުމުންނެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނާ ގޮތުގައި އުފެއްދުންތެރިކަމުގެ މުހިއްމު އެއް މިންގަނޑު ކަމަށްވާ ޕާޗޭސިން މެނޭޖަރސް އިންޑެކްސް ވަނީ 48.0 އިން 49.2 އަށް ވެއްޓިފައެވެ.
ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ނޮވެމްބަރު މަހު ބައެއް ވިޔަފާރިތަކުގެ އުފެއްދުމާއި ހިންގުމަށް ނޭދެވޭ އަސަރުތަކެއްކޮށް، އުފެއްދުން ކޮންމެވެސް ވަރަކަށް މަޑުޖެހި، ޕްރޮޑަކްޓް އޯޑަރުގެ ވޮލިއުމް ދަށްވެފައިވާކަމަށް ބިއުރޯގެ އިސް ތަފާސްހިސާބުވެރިޔާ ޒާއޯ ޗިންގް ވިދާޅުވިއެވެ. އަދި ބައެއް ސަޕްލައި ކުރާ ފަރާތްތަކުން ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ މައްސަލަތަކުގެ ޝަކުވާ ކޮށްފައިވާއިރު، އެތެރޭގެ މާކެޓާއި ޗައިނާއިން ބޭރުގެ މާކެޓުން ޑިމާންޑް ދަށްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.