ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ހަމީދު (އިއްބެ) އިންތިޚާބުކޮށްފިއެވެ.
ތައިލެންޑުގެ ޕުކެޓުގައި ބާއްވާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުގެ ހަވާސާގެ ތެރެއިން ބުރާސްފަތި ދުވަހު ބޭއްވި ކޮންގްރެސްގައި އޭޝިއާ ބައްރުން އެގްޒެކެޓިވް ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ އިއްބެގެ އިތުރުން އިރާންގެ އާމިރު ބަޔަތެވެ. ކޮންގްރެސްގައި ގިނަ ގައުމުތަކުން ވޯޓުދިނީ އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދާވާ އިއްބެއަށެވެ.
މަގާމަށް އިންތިޚާބުވެވަޑައިގެންނެވުމަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި އިއްބެ ވިދާޅުވީ މި ފަދަ މަގާމަކަށް އިންތިޚާބުވުމުން އުފާކުރައްވާ ކަމަށެވެ. އަދި އަމާޒަކީ 2024 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖެއަށް ގެންދިޔުން ކަމަށާއި، މި މަގާމާއެކު ރާއްޖެ އާއި އޭޝިއާގެ ގައުމުތަކުގައި މި ކުޅިވަރު އިތުރަށް ތަރައްގީކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް އިއްބެ އިންތިޚާބުކުރެއްވިއިރު، މިއީ އެ ފެޑެރޭޝަނުގެ މަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހު ބޭއްވި ކޮންގްރެސްގައި ދުނިޔޭގެ ފެޑެރޭޝަނުގެ ރައީސް ދާތުކު ޕޯލް ޗުއާ ވަނީ އިތުރު ދައުރަކަށް އިންތިޚާބުކުރައްވާފައެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެގްޒެކްޓިވް ބޯޑު މެމްބަރެއްގެ މަގާމުވެސް ފުރުއްވަމުން އަންނަ، ރާއްޖޭގެ ބޮޑީބިލްޑިން ރައީސް އިއްބެ އަކީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅެވެ.
ބޮޑީބިލްޑިންގައި އިންޓަނޭޝަނަލް ޖަޖެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ އިއްބެ ވަނީ ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ އެކި ލެވަލްތަކުގެ މުބާރާތްތަކުގައި ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ބޮޑީބިލްޑިންގެ ސައުތު އޭޝިއަން ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕްގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕުވެސް ހިމެނެއެވެ.
ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުގައި ރާއްޖޭގެ ހަތް އެތުލީޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި އެތުލީޓުގެ ތެރޭގައި އަޒުނީން ރަޝީދާއި މުހައްމަދު މޫސާ (މޯޑް) އާއި ހުސައިން ހިމްޔާން ހިމެނެއެވެ.