ޚަބަރު

ސަމަރުބްލޫ އިބްރާހީމް މަނިކުގެ ތަޢުޒިޔާގެ ދަފްތަރުގައި ނައިބު ރައީސް ސޮއިކުރައްވައިފި


ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި، ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސޮއިކުރައްވައިފިއެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ތަޢުޒިޔާ ދަފްތަރު ހުޅުވާފައިވަނީ އެމަނިކުފާނު އެންމެ ގިނަ ދުވަހު މަސައްކަތްޕުޅުކުރެއްވި ދިވެހިރާއްޖޭގެ އަޑުގައެވެ. ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި ޕީ.އެސް.އެމްގެ އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

އެމަނިކުފާނުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ދަފްތަރުގައި ސޮއިކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30 އިން ހަވީރު 4 ޖެހުމާއި ހަމައަށް ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރުން ދިވެހިރާއްޖޭގެ އަޑުގައި ކުރިއަށްދާނެއެވެ.

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޑުގައި ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި ޢާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ރޭޑިއޯ ޓީވީ ބްރޯޑްކާސްޓިންގ މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގައިވެސް އެމަނިކުފާނު ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.