މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާއިން މިދިޔަ ސީޒަނުގެ ލިގު އައްޑަނަ ހޯދީ އެ ކުލަބްގެ ތާރީޚުގައި ރެކޯޑް ކާމިޔާބީއާއެކުގައެވެ.
ބުރާސްފަތި ދުވަހު ޖެސިކް މަރުވިއިރު، އޭނާގެ އުމުރަކީ 64 އަހަރެވެ. މާޒިޔާ ދޫކޮށް ޖެސިކް އެންމެ ފަހުން މަސައްކަތްކުރީ ސައުދީގެ ދެވަނަ ޑިވިޝަނުގެ އަލް ޝޯލާ ޓީމުގައެވެ.
ޖެސިކް މަރުވި ކާރު އެކްސިޑެންޓް ހިނގާފައިވަނީ ސާބިއާގެ ވިލެޖު ސަރަހައްދެއް ކަމަށްވާ ޖަރަކްގައެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ޖެސިކް މާޒިޔާގެ ކޯޗުކަމަށް ހަމަޖެއްސިއިރު، ޖެސިކް ވަނީ މާޒިޔާއާއެކު ހޭދަކުރި ކުރު މުއްދަތުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ.
ޖެސިކް މަރުވި ޚަބަރާއެކު، މާޒިޔާއިން އާންމުކުރި ބަޔާނުގައި ބުނީ މި އުނދަގޫވަގުތު ޖެސިކްގެ އާއިލާ އާއި ރައްޓެހިންނަށް ކުލަބްގެ ފަރާތުން ތައުޒިޔާ ކިޔާކަމަށެވެ.
ޖެސިކް ހަވާލުވި ފަހުން މާޒިޔާއިން މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އީގަލްސް އަތުންނެވެ. އެ މެޗުތަކުގައި މާޒިޔާއިން ވަނީ 76 ލަނޑު ޖަހާފައެވެ. އަދި ބައިކޮޅަށް ވަނީ އެންމެ ފަސް ލަނޑެވެ.
މާޒިޔާ އިން މިދިޔަ އަހަރު އޭއެފްސީ ކަޕުގައިވެސް ވާދަކުރީ ޖެސިކްގެ އިރުޝާދުގެ ދަށުންނެވެ.