ކުޅިވަރު

ޕޮލިިސް ކުލަބްގެ އެކަޑަމީ ކުޅިވަރާ ބެހޭ ވަޒީރު އިފްތިތާހުކޮށްދެއްވައިފި


ޕޮލިސް ކުލަބްގެ އެކަޑަމީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އިފްތިތާހުކޮށްދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޕޮލިސް ކުލަބުން އެ ކުލަބްގެ އެކަޑަމީ ރަސްމީކޮށް އިފްތިތާހުކުރިއިރު، މިއީ ޒުވާން ކުޅުންތެރިން ވޮލީބޯޅައަށް ނެރެދީ އެ ކުޅުންތެރިންނަށް ތަމްރީނު ދިނުމަށް އަމާޒުހިފާ ޕޮލިސް ކުލަބުން ފެށި މަސައްކަތަކެވެ.

ޕޮލިސް ކުލަބްގެ އެކަޑަމީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ވޮލީ ކުރިއެރުވުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް މި ސަރުކާރުން ކުރާނެ ކަމަށެވެ. އެގޮތުން ވޮލީގެ އިންޑޯ ކޯޓެއް އެޅުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕޮލިސް ކުލަބްގެ ކޯޗު ފަތުޙުﷲ ވަހީދު (ފައްލޯ) ބުނީ މިއީ ވަރަށް ކުރިންސުރެ ޕޮލިސް ކުލަބުން ދެކެމުން އައި ހުވަފެނެއްގައި ކުލަ ޖެހުން ކަމަށެވެ. އަދި އެ ކުލަބްގެ އަމާޒަކީ، ވޮލީގެ އައު ޖީލެއް ބިނާކުރުން ކަމަށާއި، އެ ޖީލު ބިނާ ވާނީ ޒުވާން ކުޅުންތެރިންނަށް ތަމްރީނުދެވިގެން ކަމަށެވެ.

ފައްލޯ ބުނީ، ޕޮލިސް ކުލަބުގެ އަމާޒަކީ މި އެކަޑަމީގެ ތެރެއިން ތަމްރީނުވާ ކުޅުންތެރިން އެންމެ މަތީ ހަރުފަތުގައި ވޮލީ ކުޅުން ކަމަށާއި، އަދި ގައުމީ ޓީމުންވެސް ކުޅުންތެރިން ފެނިގެން ދިޔުން ކަމަށެވެ.

ފައްލޯ ބުނީ، ވޮލީ އެކަޑަމީއެއް ވުޖޫދުވެގެން މިދަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، ވޮލީ އެސޯސިއޭޝަންގެ ބޮޑު އެއްބާރުލުމަކާއެކުގައި ކަން ފާހަގަކޮށްފައެވެ.