ޚަބަރު

މިދިޔަ މަހު މީރާއަށް ލިބުނު ޢާމްދަނީ %20.4 އިތުރު


މިދިޔަމަހު މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %20.4 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ނޮވެންބަރުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %43.7 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު، މިއަހަރުގެ ނޮވެމްބަރުމަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ، އިންކަމް ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕަރޗަރ ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އަދި، އޮކްޓޫބަރު 2021 އާއި އަޅައިބަލާއިރު، އޮކްޓޫބަރު 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %8.2 އިތުރުވުމުގެ ސަބަބުން، މިއަހަރުގެ ނޮވެންބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ކުރީގެ މުއްދަތުތަކަށް ނުލިބިވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ ނޮވެމްބަރުމަހުގެ ތެރޭގައި ލިބިފައިވުމުމަކީވެސް އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގައި މީރާއިން މަޢުލޫމާތުދެއެވެ. އަދި، މީރާއިން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ނޮވެމްބަރުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ މިދިޔަ އަހަރުގެ ނޮވެންބަރުމަހު ލިބިފައެއް ނުވެއެވެ.

މިއަހަރުގެ ނޮވެމްބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %52.3 ނުވަތަ 787.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެއީ 230.35 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 145.34 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 76.29 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.36 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 193.85 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރުގެ ނޮވެންބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.