ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން، ޖީ.ޕީ.އީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.
ފްރާންސްގެ ވެރި ރަށް ޕެރިހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިގަތީ ޖީ.ޕީ.އީގެ އޭޝިއާ އެންޑް ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ އަލްޓަނޭޓް ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ. އެކަމަނާގެ އަރިހުގައި މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންް ޕްރޮފެޝަނަލް ޢާއިޝަތު ޙަސަންވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ މުޅި ދުނިޔެއަށް ކޯވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވިފަހުން، 3 އަހަރުގެ ތެރޭގައި ފިޒިކަލްކޮށް މި ބައްދަލުވުން ބޭއްވުނު ފުރަތަމަ ފަހަރެވެ. ފަހުން ތިން އަހަރުގެ ތެރޭގައި އިން ޕާސަން ބޯޑުގެ ފުރަތަމަ ބައްދަލުވުމެވެ. ބޯޑު ބައްދަލުވުމުގެކުރިން ރިޓްރީޓް ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.
މި ބައްދަލުވުމުގައި ބޯޑު މެންބަރުން ވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހު ނިއުޔޯކުގައި ބޭއްވި ޓްރާންސްފޯމިން އެޑިއުކޭޝަން ސަމިޓަށްފަހު، ތަރައްޤީވަމުން އަން ޤައުމުތަކުގެ ޕާޓްނަރުން ވެފައިވާ ޤައުމީ ވަޢުދުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ސަމިޓުގައި ރާއްޖެއިން ވަނީ ތަޢުލީމަށް ވަޢުދުވެފައިވާ ޤައުމީ ބަޔާންވެސް ހުށަހަޅައިފައެވެ.
ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޖީ.ޕީ.އީ އިން 2025 އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާގުޅޭ ގޮތުން ބޯޑު މެންބަރުންގެ މެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކާއި ހޯދުންތަކުގެ މައްޗަށެވެ.
މީގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަމާއި ދަރަނީގެ ބުރަތައް އިތުރުވުމާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާއި، ޑިސްޕްލޭސްމަންޓާއި، ކާބޯތަކެތީގެ ދަތިކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުނގެނުމުގެ ދަތިކަން ހައްލުކުރުމުގައި ކުރިއެރުންތައް ފަހަތަށް ޖެހިފައިވާކަން ދެނެގަތުމާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވީ ޓެންޒޭނިއާގެ ކުރީގެ ރައީސް، އަދި ޖީ.ޕީ.އީ ބޯޑުގެ ޗެއަރ ޖަކަޔާ ކިކްވެޓޭއެވެ. ޖީ.ޕީ.އީ އަކީ ޕާޓްނަރ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް އެހީތެރިވެދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބުމުގެ އުންމީދު ހަޤީޤަތަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެދޭ ބައިނަލްއަޤްްވާމީ ޖަމިއްޔާއެކެވެ.
2019 ވަނަ އަހަރު ރާއްޖެއިން ޖީ.ޕީ.އީގެ މެމްބަރު ޤައުމަކަށް ވީ ފަހުން އެޖަމިއްޔާއިން އަންނަނީ ރާއްޖެއަށްވެސް ބޮޑެތި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޖީ.ޕީ.އީގައި ރާއްޖެ ހިމެނޭ އޭޝިއާ އެންޑް ޕެސިފިކް ސަރަޙައްދުގައި އިތުރު 19 ޤައުމެއް ހިމެނެއެވެ. މި ދާއިރާގެ ބޯޑު މެމްބަރަކީ ނޭޕާލް ސަރުކާރުގެ ސެކްރެޓަރީ، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ރާމަކްރިޝްނާ ސުބޭދީއެވެ. ބޯޑު މެމްބަރާއި އޯލްޓަނޭޓް ބޯޑު މެމްބަރަކީ ނިންމުންތައް ނިންމުމުގެ ހުރިހާ މަރުހަލާތަކަކާއި ފެސިލިޓޭޝަންތަކުގައި އެއްހަމައެއްގައި އެއްބާރުލުން ދޭ މެމްބަރެކެވެ.
ޕެރިހަށް ކުރެއްވި ދަތުރާއި، ބޯޑު ބައްދަލުވުމާ ގުޅޭގޮތުން ބޯޑު މެމްބަރާއި ޓެކްނިކަލް އެޑްވައިޒަރުގެ ހުރިހާ ޚަރަދެއް ސްޕޮންސާކޮށްފައިވަނީ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަނުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.