ޚަބަރު

12 އަހަރަށްފަހު ހަނިމާދޫން ގޯތި ދޫކުރުން، ދާއިމީ ލިސްޓު ޢާންމުކޮށްފި


ހދ. ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯތި ލިބޭ މީހުންނާއި، ގުރުއަތަށްދާ މީހުންގެ ދާއިމީ ލިސްޓު އެރަށުގެ ކައުންސިލުން ޢާއްމުކޮށްފިއެވެ.

ހަނިމާދޫއިން ދިރިއުޅުމަށް 200 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދި ކުރިމަތިލުމަށް ހަނިމާދޫ ކައުންސިލުން ހުޅުވާލީ މިއަހަރުގެ ފެބުރުއަރީ 20 ވަނަ ދުވަހުން ފެށިގެން މާރިޗު 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަނިމާދޫއިން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓުގެ 200 ގޯއްޗެވެ.

ކައުންސިލުން އެކުލާވާލާފައިވާ ހަނިމާދޫއިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގައިވާގޮތަށް، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި ގޯއްޗަށް އެދި ފޯމް ހުށައެޅި ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އެފަރާތްތަކުން ހުށައެޅި ޝަކުވާތަކާއި ރަށްރަށުން ލިބުނު މަޢުލޫމާތަކަށް ބަލާ ވިލަރެސް ކުރުމަށް އައްޔަން ކުރި ވިލަރެސްކުރާ ކޮމިޓީން ފޯމްތަކަށް މާކްސް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވަނީ މިދިޔަމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ލިސްޓުގައި ލިބިފައިވާ މާކްސްއަށާއި، ލިސްޓުގައި އެބޭފުޅަކު ހިމެނިފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހެޅުމަށް މިމަހުގެ 6 އަކާއި ހިސާބަށް ފުރުޞަތު ދީފައިވެއެވެ.

ޝަކުވާގެ މުއްދަތުގައި ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު، ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ކައުންސިލުން މިހާރު އާއްމުކޮށްފައިވާއިރު، މި ލިސްޓުގައި ޝަރުތުހަމަވާ ފަރާތްތަކުގެ ގޮތުގައި 212 މީހަކު ހިމަނާފައިވެއެވެ. މި 200 ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 70 އަށްވުރެ މަތިން މާކްސް ލިބިގެން 195 މީހަކަށް ގޯތި ލިބިފައިވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި ބާކީވާ 5 ގޯތި ކަނޑައަޅާނީ ޝަރުތުހަމަވެ، 70 މާކްސް ލިބުނު 17 ފަރާތެއްގެ މެދުގައި ގުރުއަތުލައިގެންކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއެވެ.

12 އަހަރަށްފަހު ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް

ހއ. ހަތިފުށްޓާއި ހދ. ހޮނޑައިދޫއިން، ހަނިމާދޫއަށް ބަދަލުކުރި މީހުންނާއެކު، ރަށުގެ އާބާދީ 2000 އިން މައްޗަށް އަރައެވެ. ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ހަނިމާދޫއަށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އެރަށުން މީހުން ދިރިއުޅެން ބަންޑާރަ ގޯތި ދޫކުރަން ކައުންސިލުން ހުޅުވާލާފައި މިވަނީ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ފަހުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއްސައްތާރު ޙަސަން ވިދާޅުވީ، މިފަހަރު ދޫކުރާ 200 ގޯތިވެސް ޚާއްސަކޮށްފައިވަނީ ހަނިމާދޫގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅި ސަބަބަކީވެސް، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވުމާއެކު، އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ހަނިމާދޫއިން ދޫކުރުމަށް ކަނޑައަޅާފައިވާ 200 ގޯތީގެ ތެރެއިން ގުރުއަތުން ހޮވުމަށް ހަމަޖެހިފައިވާ 5 ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ، ގޯތިތައް ދޫކުރުމުގެ ކަންކަން މިމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ހަނިމާދޫއިން މިފަހަރު ގޯތި ދޫކުރުމަށް ނިންމާފައިވަނީ ރަށުގެ 2 ސަރަޙައްދަކުންނެވެ. އެއީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންނާއި، ހަތިފުށީ ރައްޔިތުން އާބާދުވީ ސަރަޙައްދުގެ އިރުމަތީ ފަރާތުންނެވެ.