ކުޅިވަރު

ވޯލްޑް ޗެމްޕިއަންޝިޕުން ރާއްޖޭގެ މޯޑަށް ރިހި މެޑެލް


ތައިލެންޑުގެ ޕުކެޓުގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 55 ކިލޯ ކެޓަގަރީން ރާއްޖޭގެ މުޙައްމަދު މޫސާ (މޯޑު) ރިހި މެޑަލް ހޯދައިފިއެވެ.

މި މަހުގެ 6-12 އަށް ތައިލެންޑުގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ދުނިޔޭގެ 44 ގައުމުގެ ބޮޑީބިލްޑަރުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސާކް ސަރަހައްދުގެ ހަތް ގައުމު ހިމެނެއެވެ.

މޯޑު ވަނީ މިދިޔަ އަހަރު އުޒްބެކިސްތާނުގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕުގައިވެސް ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައެވެ. އަދި އޭގެ ކުރިން 2019 ވަނަ އަހަރު ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕުގައި މޯޑު ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މޯޑު ވަނީ މިއަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގައި 55 ކިލޯ ކެޓަގަރީން ރަން މެޑަލް ހޯދައިފައެވެ.

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ހަތް އެތުލީޓުން ވާދަކުރެއެވެ. އެއީ މިދިޔަ ދެ އަހަރުގެ މިސްޓަ މޯލްޑިވްސް މަގާމު ހޯދި މުޙައްމަދު ޔާމީން (ޔާންބެ) އާއި ރާއްޖޭގައި ބޭއްވި އޭޝިއާ މުބާރާތުގެ ރަން މެޑަލް ހޯދި ދެ އެތުލީޓުން ކަމަށްވާ އަޒުނީން ރަޝާދު އާއި ހުސައިން ހިމްޔާންވެސް ހިމެނެއެވެ.