ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ނެދަލަންޑްސް ބަލިކޮށް ސެމީ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނަ ކާޑުތަކެއް ފެނިގެންދިޔައިރު، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު އޮތީ 2-2 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި އާޖެންޓީނާ ކުރިހޯދީ 4-3ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން 35 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ކެޕްޓަން ލިއޮނަލް މެސީގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނަހުއެލް މޮލީނާއެވެ. މިއީ ގައުމީ ޓީމަށް މޮލީނާ ޖަހާދިން ފުރަތަމަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ޖަހާދިނީ މެސީއެވެ. މިއީ އާޖެންޓީނާގެ މާކޯސް އަކޫނިއާއަށް ނެދަލަންޑްސްގެ ޑެމްފްރިސް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕުގައި 10 ލަނޑު ޖަހާފައެވެ. އަދި އާޖެންޓީނާގެ ލެޖެންޑް ގަބްރިއެލް ބަޓިސްޓޫޓާގެ ރެކޯޑާ މެސީ ވަނީ އަރާހަމަކޮށްފައެވެ.
އާޖެންޓީނާއިން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ނެދަލަންޑްސްއިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައެވެ، މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ވެގްހޯސްޓްއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަހު މިނެޓުގައި ނެދަލަންޑްސްގެ ދެވަނަ ލަނޑުވެސް ޖަހާދިނީ ވެގްހޯސްޓްއެވެ.
މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި އާޖެންޓީނާގެ ލަޓާރޯ މާޓިނޭޒަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ޕެނަލްޓީގައި ނެދަލަންޑްސްއިން ފުރަތަމަ ޖެހި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެއީ ކެޕްޓަން ވާޖިލް ވެން ޑައިކާއި ބަގްހައުސް ޖެހި ޕެނަލްޓީއެވެ.
އާޖެންޓީނާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެންޒޯ ފެނާންޑޭޒް ޖެހި ޕެނަލްޓީއެވެ.
މި ނަތީޖާއާއެކު އާޖެންޓީނާއިން ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ، ކްރޮއޭޝިއާއެވެ. މި ދެ ޓީމު ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުގައިވެސް ވާދަކޮށްފައެވެ. އެ ފަހަރު ކްރޮއޭޝިއާއިން އާޖެންޓީނާގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.