ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްއިން ގާނާއަށް ލޯނު އެހީއެއް


އިންޓަނޭޝަނަލް މަނިޓަރީ ފަންޑް, އައިއެމްއެފް އާއި ގާނާއާ ދެމެދު ލޯނު އެއްބަސްވުމެއްގައި އަންނަ އަންގާރަ ދުވަހުގެ ކުރިން ސޮއި ކުރުމަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ބެހޭގޮތުން އައިއެމްއެފް އިން އަދި އެއްވެސް އެއްޗެއް ނުބުނިނަމަވެސް، ނާގެ މާލީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ލޯނު އެހީގެ މަޝްވަރާތައް ކުރިއަށްދާކަމުގެ މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތެއް މިވަގުތު ދެވޭކަށް ނެތެވެ.

މިކަމާއި ގުޅުންހުރި ފަރާތަކުން ބުނި ގޮތުގައި އައިއެމްއެފްގެ މި ލޯނަކީ، ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެކްސްޓެންޑް ކްރެޑިޓް ފެސިލިޓީއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މަޝްވަރާތަކުގައި ހުރި ބޮޑެތި ހުރަސްތައް މި ހަފްތާގައި އަރައިގަނެވުނު ކަމަށާއި އެކަމުގެ ސަބަބުން އެކަން އަވަސްވެގެން ދިޔަ ކަމަށްވެސް އެ ފަރާތުން ބުނެފައިވާ ކަމަށް މިޑިއާތަކުން ރިޕޯޓުކުރެއެވެ.

ގާނާ އިން ޖުލައި މަހު އައިއެމްއެފް އަށް އެހީއަށް އެދިފައިވާއިރު، އައިއެމްއެފްގެ ޓީމެއް މިހާރު އެގައުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ހުޅަނގު އެފްރިކާގެ ގައުމަކަށް ޖީލެއްގެ ތެރޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަމާ ކުރިމަތިލާންޖެހިފާ ޤައުމީ ގާނާއެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި 3 ބިލިއަން އެމެރިކާ ޑޮލަރުގެ ރިލީފް ޕެކޭޖެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު ކެނެތު އޮފޯރީ-އައްޓާ ވިދާޅުވެފައިވެއެވެ.

ކޮކޯ، ރަން، އަދި ތެޔޮ އުފައްދާ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ، ގާނާއިން ވަނީ މި އަހަރު ނިމޭއިރު އެ އެއްބަސްވުން ބޭނުންވާ ކަމަށް ބުނެފައެވެ.

ލޯކަލް ބޮންޑްތަކުގެ ތެރެއިން 10.5 ބިލިއަން ޑޮލަރުގެ ބޮންޑުތައް އާ ބޮންޑަށް ބަދަލުކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މި ހަފްތާގައި ގާނާގެ ސަރުކާރުން ދަރަނި އަލުން އެކުލަވާލަން ފެށި ނަމަވެސް ބޭރުގެ ދަރަނި އަލުން އެކުލަވާލުމުގެ ޕްލޭންތައް އަދި އިއުލާންކޮށްފައެއް ނުވެއެވެ.