ތައިލެންޑުގެ ޕުކެޓުގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިން ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑެލް ހޯދައިފިއެވެ.
ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން މުބާރާތުގެ ރަން މެޑަލްވެސް އަޒްނީން ވަނީ ހޯދާފައެވެ. އަޒްނީން މީގެ ކުރިން ވަނީ 2019 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވި ސައުތު އޭޝިއާ ބޮޑީބިލްޑިން މުބާރާތުގެ 170 ސެންޓިމީޓަރު ބައިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފައެވެ.
މި މަހުގެ 6-12 އަށް ތައިލެންޑުގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ދުނިޔޭގެ 44 ގައުމުގެ ބޮޑީބިލްޑަރުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސާކް ސަރަހައްދުގެ ހަތް ގައުމު ހިމެނެއެވެ.
އަޒްނީންގެ އިތުރުން މި މުބާރާތުގައި ބައިވެރިވި، ރާއްޖޭގެ މުޙައްމަދު މޫސާ (މޯޑު) ވަނީ 55 ކިލޯ ކެޓަގަރީން ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން މެންސް އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރުގެ ކެޓަގަރީން ފަތުހުﷲ މުހައްމަދު ލޯ މެޑަލް ހޯދިއިރު، މެންސް އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރު ބައިން އަބްދުﷲ އަޙްސަން ވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ. އަދި އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރު ކެޓަގަރީން ހުސެއިން ހިމްޔާންވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.
ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ހަތް އެތުލީޓުން ވާދަކުރެއެވެ. އެއީ މިދިޔަ ދެ އަހަރުގެ މިސްޓަ މޯލްޑިވްސް މަގާމު ހޯދި މުޙައްމަދު ޔާމީން (ޔާންބެ) އާއި ރާއްޖޭގައި ބޭއްވި އޭޝިއާ މުބާރާތުގެ ރަން މެޑަލް ހޯދި ދެ އެތުލީޓުން ކަމަށްވާ އަޒުނީން ރަޝާދު އާއި ހުސައިން ހިމްޔާންވެސް ހިމެނެއެވެ.