ސްޕޯޓިން ހިޙޮން އަތުން ރޭ ބާސެލޯނާ މޮޅުވި މެޗުގައި
ލިއޮނެލް މެސީ، ލަ ލީގާގައި އޭނާގެ 300 ވަނަ ގޯލް ކާމިޔާބުކޮށްފިއެވެ.
3-1 ން ސްޕޯޓިން ހިޙޮން އަތުން މޮޅުވި
މެޗުގައި މެސީ ވަނީ 2 ގޯލް ކާމިޔާބުކޮށްދީފަ އެވެ. އެއާއެކު އެ ޓީމް ވަނީ ލީގުގެ
އެންމެ ކުރީގައި 6 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ.
މީ ބާސެލޯނާ ވިދިވިދިގެން ބަލިނުވެ ނިންމާލި
31 ވަނަ މެޗެވެ. މިއާއެކު ކުރިންވެސް އެމީހުންގެ އަތުގައި އޮތް ރެކޯޑް
ބާސެލޯނާއިން ވަނީ އާކޮށްފަ އެވެ.
ރޭގެ މެޗުގައި ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއްވެސް
ލިބިފައެވެ. ސެލްތަ ވީގޯއާއި ވާދަކުރި މެޗުގައި ސުއަރޭޒް ހެޓްރިކެއް ފުރިހަމަކުރުމަށް މެސީ ޕެނަލްޓީން ސުއަރޭޒްއަށް ގޯލް ޖެހުމުގެ ފުރުސަތު ދިންނަމަވެސް، ރޭ މެސީ ދެ ގޯލް ޖަހާފައި އޮއްވާ ލިބުނު ޕެނަލްޓީ މެސީއަށް ނުދީ ޖެހީ ސުއާރޭޒް އެވެ. ނަމަވެސް ސުއަރޭޒް ޖެހި ޕެނަލްޓީ ސްޕޯޓިންގެ ކީޕަރު ވަނީ މަތަ ކޮށްފައެވެ.
ބާސެލޯނާއަށް މިސީޒަނުގައި 15 ޕެނަލްޓި
ލިބިފައިވާއިރު އޭގެތެރެއިން 7 ޕެނަލްޓީއެއް ވަނީ ކާމިޔާބުކުރެވޭގޮތް
ނުވެފައެވެ.
ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭއަކީ ހިޙޮންއަށް
އުފަން ކޯޗެކެވެ. އެނާގެ ކެރިއަރު ފަށާފައިވަނީވެސް ސްޕޯޓިންއާއެކުއެވެ. އޭނާ ބުނީ
އެ ރަށަށް ދިއުމަކީ އަބަދުވެސް ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. އަދި ކޮންމެ
ބަންދެއްގައިވެސް އޭނާ އެ ރަށަށް ދާކަމަށް އެންރީކޭ ބުންޏެވެ.
ރޭގެ މެޗަށްފަހުވެސް އެންރީކޭ ވަނީ އޭނާގެ
ސްކޮޑުގައި ތިބި މޮޅު ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.
" ކޮންމެ ޓީމަކާއެކު ކުޅުނު ނަމަވެސް މެސީ ޓީމުގައި ހުރިމަކީ ލިބޭ ބޮޑު ފަޚުރެއް. ސުއަރޭޒް ޖެހި ގޯލަކީވެސް އަހަރުމެންނަށް ވަރަށް މުހިންމުވި ގޯލެއް. ސުއާރޭޒްގެ
ގޯލާއެކު ޓީމަށް ޕްރެޝަރު ކުޑަވެގެން ދިޔަ" އެންރީކޭ ބުންޏެވެ.