ކުޅިވަރު

ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ލެގޫންސްއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެގޫންސް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު ފައިނަލް މެޗު ލެގޫންސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ބޯ ވިއްސާރައިގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލެގޫންސްއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިފާން މުޙައްމަދު ނަޒީރެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ލެގޫންސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި މަސްއޮޑިން ފަރަގު ކުޑަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ) އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ލެގޫންސްއިން ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ މުޙައްމަދު އަމަން މުޙައްމަދު ފައިޒާއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ލެގޫންސްގެ ޖިނާހް ހާރޫނެވެ. މީގެ އިތުރުން މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ އަނަކީ ސްޕޯޓްސް ކުލަބެވެ.