ޚަބަރު

ތިނަދޫ އިސް މެޖިސްޓްރޭޓަކަށް ޤާޟީ ނިހާމް


ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ، އިސް މެޖިސްޓްރޭޓަކަށް ޤާޟީ ނިހާމް ރަޝީދު އައްޔަން ކުރައްވައިފިއެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް ޝައުގުވެރިވާ ގާޟީންނަށް އެކޯޓަށް ބަދަލުވުމުގެ ފުރުޞަތު ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ހުޅުވާލީ މިދިޔަ މަހުއެވެ. އެ ފުރުޞަތުގައި މިމަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގާޞީ ނިހާމް ރަޝީދު އެކަންޏެވެ.

ނިހާމް މިހާތަނަށް ހުންނެވީ ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ. ޖޭއެސްސީން މިބަދަލު ގެނައީ "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ކަންތައްތަކަށް ބަލުމަށް ފަހުގައެވެ.

ޖޭއެސްސީން ވަނީ އިއްޔެ އިން ފެށިގެން ތިނަދޫ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް ނިހާމް ހަމަޖައްސާފައެވެ.