ޚަބަރު

ނިޝާމާގެ މަރާއެކު ނޮޅިވަރަމު ބޮޑު ޝޮކެއްގައި


މިދިޔަ ހޮނިހިރު ދުވަހު މެންދުރެއްހާއިރު، ހދ.ނޮޅިވަރަމު ރައްޔިތުންނަށް ސިހުން ގެނުވީ އެރަށު ހިތަށްފިނިވާގޭ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ކުއްލި މަރާއި ގުޅިގެންނެވެ. އެދުވަހުގެ އެޚަބަރު ލިބުމާއި ހަމައަށް އެފަދަ ކަމެއް ހިނގައިގެން އޫޅޭކަމެއް އަދި އެފަދަ ހާދިސާއެއްގެ ހިލަމެއްވެސް މާބޮޑަކަށް ރަށު ތެރޭގައި ނެތެވެ. އެއީ ހަމަ އާދައިގެ ދުވަހެކެވެ.

ހޮނިހިރު ދުވަހަކީ ސްކޫލުވެސް ބަންދު، ހަފްތާގެ ބަންދު ދުވަހަކަށްވުމުން އާއިލާ މީހުންނާއިއެކު ނިޝާމާއާއި، ދަރިން ދިޔައީ މޫދަށް ދިއުމަށް ތައްޔާރުވަމުންނެވެ. އާއިލީ މީހުންނާއިއެކު މޫދަށް ދިއުމަށްޓަކައި ވަނީ ފޯނުން ގުޅައި ދާނެ ވަގުތެއްވެސް ފައިނަލްކޮށްފައެވެ. މޫދަށް ދިއުމަށް ނިޝާމާގެ ފިރިމީހާ ފައިސަލް އަލީވެސް ހުރީ ތައްޔާރަށެވެ.

މޫދަށް ދިއުމަށް ހުރިހާ ކަމެއްރޭވުމަށްފަހު، ނިޝާމާގެ ހަބަރެއް ނުވެ ގިނަ އިރުތަކެއް ނުވުމުން އާއިލާގެ މީހުން، ނިޝާމާ ދިރިއުޅޭ ހިތަށްފިނިވާ ގެއަށްގޮސް އޭނާ ކޮބައިތޯ ބެލިއެވެ. ގޭތެރެއިންވެސް މާބޮޑު ހިލަމެއް ނެތުމުން، ނިޝާމާ ދިރިއުޅޭ ކޮޓަރީގައި ޓަކިޖަހައި ހަބަރެއް ނުވުމުން، ކޮޓަރީގެ ދޮރުގައި އަޅުވާފައިވާ މަކުޑި ހަލާކުކޮށްލައި ވަނީ ކޮޓަރި ތެރެއަށެވެ. އެވަގުތު ނިޝާމާ އޮތީ ތިން ދަރިންގެ ތެރެއިން އެންމެ ކުޑަ މީހާއަށް ގާތުން ބުއްދޭށެވެ. އެއީ ދެ އަހަރުވެސް ނުފުރޭ ކުއްޖެކެވެ. ކުއްޖާއަށް ގާތުން ދޭން އޮތް ނަމަވެސް ނިޝާމާ އޮތީ "ހުއްޓި" ފައެވެ. ދޫ އޮތީ ބޭރަށް ނިކުމެ މޫނުމަތި ނޫފައިގެންފައެވެ. މިއީ ނިޝަމާގެ އާއިލާ މީހުން ކިޔައިދިން ވަހަކަތަކެވެ. ނިޝަމާގެ އެއްވެސް ހަރަކާތެއް ނެތުމުން ވަގުތުން ސިއްހީ މަރުކަޒަށް ގުޅައި، އެތަނަށް ނިޝަމާ ގެންދިޔައެވެ. އަދި ފުލުހުންނަށްވެސް ރިޕޯޓުކުރިއެވެ. ނިޝާމާ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާގެ ހެޔެއް ނެތްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ނިޝާމާގެ މަރާއި ގުޅޭގޮތުން ފުލުހުން އަދި މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ނިޝާމާގެ ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަކީ 2 އަހަރަށްދާ އަންހެން ކުއްޖެކެވެ. ދޮށްޓަށްތިބީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މިކުދިންނަކީ އުމުރުން ހަގު ކުދިންނަށްވުމުން ގޭތެރޭގައި ހިނގައިދިޔަ ކަންތައް މާރަނގަޅަކަށް މިކުދިންނަކަށް ނޭގެއެވެ.

ފައިސަލްގެ ކުށުގެ ރެކޯޑު އެބައޮތް

ނިޝާމާގެ މަރާއި ގުޅިގެން އާއިލާއިންވެސް އަދި ނޮޅިވަރަމްގެ ގިނަ މީހުންގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ އޭނާގެ ފިރިމީހާ ފައިސަލް އަލީއަށެވެ. ސަބަބަކީ އޭނާއަކީ މީގެ ކުރިންވެސް ނިޝާމާއަށް އަނިޔާކޮށް އަރައިރުންވާ އަދި މަސްތުވަތަކެތީގެންވެސް ތުހުމަތުތަކެއް އޮތް މީހަކަށް ވުމުންނެވެ. އަދި އެދުވަހު އޭނާގެ އަމަލުތައް ހުރި ގޮތާއި، ފުރައިގެން ކުއްލިއަކަށް ކުޅުދުއްފުއްޓަށް ދިޔަ ދިއުމަކީވެސް މިކަމުގައި ގިނަ ބައެއްގެ ތުހުމަތު ފައިސަލަށް އޮތް ކަމެކެވެ.

ހޮނިހިރު ދުވަހު ނިޝާމާގެ އާއިލާ މީހުންނާއިއެކު މޫދަށްދާން ފައިސަލްވެސް ހުރީ ތައްޔާރަށެވެ. ނަމަވެސް މޫދަށް ދާން ރާވައިގެންތިބި ވަގުތާއި އަދި މިހާދިސާ ހިނގި ވަގުތާއި ހަމައިން ފެށިގެން ފައިސަލްގެ ހިލަމެއް ނުވެއެވެ. އާއިލާ މީހުން ނިޝާމާއަށް ގުޅައި ފޯނު ނުގެމުން ފައިސަލަށް ގުޅުމުން އޭނާ ރަށުގައި ހުރިކަމަށް ދޮގު މައުލޫމާތު އާއިލާއަށް ދީފައިވާކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް އޭރު އޭނާ ހުރީ ކުޅުދުއްފުށީގައިކަމަށްވެސް އާއިލާއިން ތުހުމަތުކުރެއެވެ.

ނިޝާމާގެ ހަށިގަނޑު އާއިލާއިން ސިއްޙީ މަރުކަޒަށް ގެންގޮސް ހުރިހާކަމެއް ހިނގަދިޔައިރުވެސް ފައިސަލްގެ ހިލަމެއް ނުވެއެވެ. މަރާއި ގުޅިގެން އާއިލާއަށް އިތުރު ނުތަނަވަސްކަން ލިބިގެންދިޔައީ މަރުކަޒުން ހަށިގަނޑު ބެލުމަށްފަހު ކަރުގައި ނިޔަފަތި އެޅިފައި ހުރިކަން ފުލުހުންގެ ފަރާތުން އެނގުމާއި ގުޅިގެންނެވެ. ނިޝާމާއާއި ފިރިމީހާއާއި ދެމެދު ދޭތެރެ ދޭރެއިން އަރައިރުންވެ ދެބަސްވުންތަކެއް ވާކަމީ އާއިލާއަށްވެސް އެނގޭކަމެކެވެ. ނަމަވެސް މިހިސާބަށް ދާންޖެހޭ ސަބަބެއް ނިޝާމާގެ ފަރާތުން ނޯންނާނެ ކަމުގެ ޔަގީންކަން އާއިލާއަށް އެބައޮތެވެ.

ކުއްލިއަކަށް ފައިސަލް ގެއްލުން

ނިޝާމާގެ މަރާއި ގުޅިގެން ފައިސަލަށް ކުރެވޭ ތުހުމަތުތައް އިތުރުވެގެން ދިޔައީ މިކަން ހިނގައިދިޔަކަން އާއިލާއަށްވެސް އަދި ރަށުގެ މީހުންނަށްވެސް ހިލަމެއްވެސް ނުވަނީ ކުއްލިއަކަށް ފައިސަލް ފުރައިގެން ކުޅުފުއްޓަށް ދިއުމުންނެވެ. އޭނާ ކުޅުދުއްފުއްޓަށް ގޮސްފައިވަނީ ދަތެއްގައި ރިއްސާތީ އެދުވަހުގެ 11:30 އަށް ލިބިފައިވާ އެޕޮއިންޓްމަންޓަކަށް ދެއްކުމަށް ކަމަށް ބުނެއެވެ. ދަތުރުދާން އަވަސް އަރުވާލައިގެން ފައިސަލް އުޅުމުން ލޯންޗުގެ ކައްޕިވަނީ އޭނާގެ އެދުމަށް ކުޅުފުއްޓާއި ހަމައަށް އޭނާ ގެންގޮސްދީފައެވެ.

ކުޅުދުއްފުއްޓަށް ފައިސަލް ބޭލުމަށްފަހު އެނބުރި ނޮޅިވަރަމަށް ކައްޕި މިސްރާބު ބެހެއްޓިތަނުން ރަށުން އޭނާއަށް ފޯނުތައް ފުލުފުލުގައި އަންނަން ފެށިއެވެ. އެންމެންވެސް އަހަނީ ފައިސަލް ކޮބައިތޯއެވެ. އަދި ރަށުގައި މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ގުޅި މީހުންވަނީ ކައްޕިއާއި ހިއްސާކޮށްފައެވެ. އެހިސާބުން ލޯންޗުގައި އަނބުރާ ކުޅުދުއްފުއްޓަށް ގޮސް ފައިސަލް ހޯދަންވެސް ލޯންޗު ކައްޕި ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން އޭނާއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ޕޮލިހަށް ދިޔައީ އަމިއްލަ ސަލާމަތަށް

ފައިސަލް ކުޅުފުއްޓަށް ދިޔައީ ދަތެއްގައި ރިއްސާތީކަމަށް ބުނި ނަމަވެސް އޭނާގެ މިސްރާބު ހުރީ ކުޅުދުއްފުއްޓަށްގޮސް އެރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަނާއި ދިމާލަށެވެ. އަދި ނިޝާމާގެ މަރުގެ ޚަބަރުތައް މިޑިއާތަކަށް އެރުމާއިއެކު އޭނާ ހޯދުމަށް ފުލުހުން އިއުލާންވެސް ކުރިއެވެ. ނަމަވެސް އޭނާ ވަނީ އަމިއްލައަށް ކުޅުދުއްފުށީ ފުލުހަށް ގޮސްފައެވެ. ފުލުހުން މިމައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެރޭ ދަންވަރުއެވެ.

މިމައްސަލާގައި ފައިސަލް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ދިޔައީ އަމިއްލަ ސަލާމަތަށް ކަމަށް ނޮޅިވަރަމްގެ ގިނަ މީހުންވެސް ބުނެއެވެ. ނަމަވެސް މިމައްސަލާގައި ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައިވެއެވެ. ފުލުހުން މިމައްސަލާގައި މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަކީ ތުހުތަތުގައި ނިޝާމާގެ ފިރިމީހާ ފައިސަލް ހައްޔަރުކޮށްފައިވާކަމަށެވެ. މަރާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި ކަން ހިނގައިދިޔަ ގޮތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވަކަމަށެވެ. ނަމަވެސް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ވަކި ދުވަހެއްވެސް ފުލުހުން އަދި ހިއްސާކޮށްފައި ނުވެއެވެ.

ތިން ހާހާއި ގާތްކުރާ ނޮޅިވަރަމުގައި މިހާ އަނިޔާވެރިގޮތަކަށް މީހަކު މަރާލާފާނެކަމަށް އެރަށު އެއްވެސް ރައްޔިތަކު ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ނިޝަމާގެ މަރަށްފަހު ރަށުގެ ހުރިހާ އެންމެނަށްވެސް ލިބުފައިވަނީ ކުއްލި ޝޮކެކެވެ. ޤަބޫލުކުރަން ދައްޗެވެ. ނިޝަމާގެ މަރާއެކު މުޅި ރަށަށް ވަނީ ހިމޭންކަން ވެރިވެފައެވެ. މަގެއްގެ މަތިން މީހަކު ނުފެނެއެވެ. މުޅި ރަށް ކުރަން އަޅަނީއެވެ. ހުރިހާ ރައްޔިތުން އިންތިޒާރުކުރަނީ ނިޝާމާގެ މަރުގެ މައްސަލާގައި ފުލުހުން އިތުރު ތަފްސީލު ހިއްސާކުރުމަށެވެ. އަދި ޤާޠިލަށް ހައްގު އަދަބު ދިނުމަށެވެ.