ޚަބަރު

ޕޮލިސް ބޯޑަށް ކުރީގެ ސީޕީ ފަސީހު


ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނުގެ ދަށުން އެކުލަވާލެއްވި ޕޮލިސް ބޯޑުގެ މެމްބަރުކަމަށް ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަން ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަފްސީ ޢަބްދުﷲ ވިދާޅުވީ ޕޮލިސް ބޯޑަށް ފަސީހު އައްޔަން ކުރެއްވާފައިވަނީ އެބޯޑުގެ މެމްބަރު އަދި ބޯޑުގެ ރައީސް އަލީ ފާއިޒުގެ ބަދަލުގައިކަމަށެވެ. ފާއިޒު ވަނީ ލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ހަމަޖައްސަވާފައެވެ.

ފާއިޒަކީ ޕޮލިސް ބޯޑުގެ ރައީސަށްވުމުން، ރައީސަކު އައްޔަން ކުރުމަށްޓަކައި ޕޮލިސް ބޯޑުގެ ބައްދަލުވުމެއް ބާއްވައި ވަރަށް އަވަހަށް ބޯޑުގެ ރައީސަކު އައްޔަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފަސީހުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައެވެ. އޭގެފަހުން ފަސީހު ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް ފުރުއްވާފައެވެ.

"ޕޮލިސް ބޯޑު"ގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.