ޚަބަރު

ކީރިތި ޤުރުއާން ހިތުދަސްކުރާ ލޯފަން ކުދިންނަށް އައި.ޔޫ.އެމްއިން ލެޕްޓޮޕް ފޯރުކޮށްދީފި


ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް އަމާޒުކޮށްގެން ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ފެށި ޤުރުއާން ހިތުދަސްކޮށްދޭ ކިލާހުގެ ދަރިވަރުންނަށް ލެޕްޓޮޕް ފޯރުކޮށްދީފިއެވެ.

ލޯފަން ކުދިންނަށް ޤުރުއާން ހިތުދަސްކޮށްދިނުމުގެ ކޯހެއް އިސްލާމިކް ޔުނިވަރސިޓީން ފެށީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވީ ލޯފަން ކުދިންނަށް ޤުރުއާން ހިތުދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމުން ކިޔަވައިދިނުމަށް ދިމާވާ އެންމެ ބޮޑު އުނދަގުލަކީ އޮންލައިންކޮށް ކިޔަވައިދިނުންކަމަށެވެ. އަދި މިފަދަ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ދަރިވަރުންނަށް ލެޕްޓޮޕް ފޯރުކޮށްދޭން ނިންމީ ކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ. އެ ޔުނިވަރސިޓީން ވިދާޅުވީ ދަރިވަރުންނަށް ހަވާލުކުރި ލެޕްޓޮޕްތަކަކީ ޕްރޮގްރާމް ނިންމާ ދަރިވަރުންގެ އަމިއްލަ އެއްޗަކަށް ވެގެންދާނެކަމަށެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަނުކުރާ ދަރިވަރުން ލެޕްޓޮޕްތައް ޔުނިވަރސިޓީއަށް ހަވާލުކުރަން ޖެހޭނެކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީއަކީ ކީރިތި ޤުރުއާން ދަސްކޮށްދިނުމުގެ ތަޖުރިބާ ލިބިފައި ތިބި މުދައްރިސުން މަސައްކަތްކުރާ ތަނެއްކަމަށެވެ. އަދި އެ މުދައްރިސުންގެ އެހީގައި ކީރިތި ޤުރުއާން ދަސްކޮށް އުނގަންނައިދިނުމަށް އިލްތިމާސްކުރެއްވިއެވެ. ޒަކަރިއްޔާ ވިދާޅުވީ އެއްވެސް މީހަކު ބާކީނުކޮށް ތަޢުލީމް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ދަށުން އެ ޔުނިވަރސިޓީގައި ލޯފަން މީހުންނަށް ޚާއްސަކޮށްގެން ކްލާސްރޫމެއްވެސް ތައްޔާރުކޮށްފައިވާކަމަށެވެ.

އިސްލާމިކް ޔުނިވަރިސޓީން ކުރިއަށްގެންދާ މި ކްލާހުގެ މައިގަނޑު މަޤްޞަދަކީ ކްލާހުގައި ބައިވެރިވާ ކުދިންނަށް 2 ނުވަތަ 3 އަހަރުގެ ތެރޭގައި ތަޖްވީދުގެ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ހިތުދަސް ކޮށްދިނުމެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އޮންލައިންކޮށްނާއި ކެމްޕަހަށް ހާޒިރުވެގެން ކިޔެވޭގޮތަށެވެ. މިއީ ޔުނިވަރސިޓީން މުޅިން ހިލޭ ކިޔަވައިދޭ ކޯހެކެވެ. އަދި އޮންލައިންކޮށް މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ޚަރަދުތައް އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ފަހިކޮށްދޭނެކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.