ޚަބަރު

ފައިސަލް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި، އައިސީޔޫގައި އަދިވެސް ފަރުވާދެނީ


މިދިޔަ ހޮނިހިރު ދުވަހު ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އޭނާއަށް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. ކުޅުދުއްފުށި ހޮސްޕިޓަލުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ކުޅުދުއްފުށި ހޮސްޕިޓަލުންވެސް އަދި ކަމާބެހޭ އިދާރާއަކުންވެސް ހާމައެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޝާމާ މުހައްމަދު މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ އދ.ފެންފުށި ރޯޒީ ވިލާ ފައިސަލް އަބޫބަކުރު ބަންދުކޮށްފައި ހުރި ތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް ރޭ 23:15 އިރު ފުލުހުންނަށް ފެނިފައިވާކަމަށެވެ. އަދި އޭނާއަށް މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރުސީއެމް އާއި އެންއައިސީ އަށް ހުށަހަޅައިގެން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފައިސަލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.

ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވަކަމަށެވެ. ނަމަވެސް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ވަކި ދުވަހެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވެއެވެ.