ދުނިޔޭގެ ވިޔަފާރި

އަންނަ އަހަރުވެސް ޔޫރަޕަށް ގޭސް ލިބުން ދަތިވާނެ: އައިއީއޭ


އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް ޔޫރަޕްގައި ގޭސް ހުރި ނަމަވެސް އަންނަ އަހަރު ޔޫރަޕަށް ގޭސް ލިބުން ދަތިވާނެ ކަމަށް އިންޓަރނޭޝަނަލް އެނާރޖީ އޭޖެންސީ، އައިއީއޭ އިން ބުނެފިއެވެ.

އީއައިއޭ އިން މިހެން ބުނެފައި ވަނީ އެ އޭޖެންސީގެ ޗީފް ފާތިހު ބައިރޯލު އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސަލާ ވޮންޑަރ ލޭން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ނެރުނު ރިޕޯޓެއްގައެވެ.

އައިއީއޭގެ އެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ޔޫރަޕަށް 27 ބިލިއަން ކިއުބިކް މީޓަރުގެ ގުދުރަތީ ގޭހުގެ ދަތިކަން ކުރިމަތިވެދާނެއެވެ. އަދި އެއީ މުޅި ޔޫރަޕް ސަރަހައްދުގައި ބޭނުންކުރާ ގޭހުގެ ގާތްގަޑަކަށް %7އެވެ. ގޭހުގެ ދަތިކަން ޔޫރަޕަށް ކުރިމަތިވެދާނެ ތިން ސަބަބެއް އެބަ އޮތް ކަމަށް އެ ރިޕޯޓުގައިވެއެވެ.

މި އަހަރުގެ ތެރޭގައި ޔޫރަޕް އިއްތިހާދަށް ގާތްގަނޑަކަށް 60 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ފޮނުވި ރަޝިޔާއިން އަންނަ އަހަރު ގޭސް ޔޫރަޕަށް ފޮނުވުން މުޅީ ހުއްޓާލަފާނެއެވެ. އަދި ފިނި މޫސުން ގިނަ ދުވަހަށް ދެމިގެން ނުދާނެ ކަމަށާއި، ފިނި މޫސުމަކީ މިހާރުވެސް އުތުރު ޔޫރަޕަށް އައިސްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާތީ، ޗައިނާގެ އިޤްތިޞާދީ ދުވެލި އަނެއްކާވެސް ހަލުވިވެއްޖެ ނަމަ ގޭހުގެ ބާޒާރަށް އެކަމުން އަސަރު ކުރާނެކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އައިއީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އަންނަ އަހަރު 57 ބިލިއަން ކިއުބިކް މީޓަރުގެ ސަޕްލައި ގެޕެއް އުފެދިދާނެއެވެ. އޭގެތެރެއިން 30 ބިލިއަން ކަވަރު ކުރަން ޖެހޭނީ ޔޫރަޕުން ފިޔަވަޅުތަކެއް އަޅައިގެން ކަމަށާއި، އޭގެތެރޭގައި ގިނަ ޢަދަދަކަށް ގޭސް، ފަހަށްރައްކާ ކުރުމާއި ގޭހަށް އޮތް ޑިމާންޑު މިއަހަރުގެ އޮގަސްޓުން އަންނަ އަހަރުގެ މާޗްގެ ނިޔަލަށް %15 ދަށްކުރުން ހިމެނެއެވެ.

މިއާއިއެކުވެސް އަދިވެސް ގޭހުގެ ދަތިކަން ކުރިމަތިވާނެ ކަމަށް އީއައިއޭއިން ބުނެއެވެ. އައިއީއޭގެ ސްޓްރެސް ޓެސްޓުން ގަބޫލުކުރާ ގޮތުގައި އަންނަ އަހަރު ފޭށޭއިރު ޔޫރަޕަށް ގޭސް ފޯރުކޮށްދިނުން ރަޝިއާއިން މުޅިން ހުއްޓާލާނެއެވެ. އަދި ޗައިނާއިން ލިކުއިފައިޑް ގުދުރަތީ ގޭސް އެތެރެކުރުން 2021 ވަނަ އަހަރު އޮތް މިންވަރަށް ދަށްވާނެ ކަމަށާއި، މިކަމުގެ ސަބަބުން ފިނި މޫސުން ނިމޭއިރު ޔޫރަޕްގައި ރައްކާކޯށްފައިވާ ގޭސް ހުންނާނީ އެންމެ %30 ގައި ކަމަށް އީއައިއޭ އިން ބުންޏެވެ.

ގޭހުގެ ދަތިކަން ކުޑަކުރެވޭނީ ހަކަތަ ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއްކޮށް، އިއާދަކުރަނިވި ހަކަތަ ތައާރަފްކުރުން އިތުރުކޮށް، ހީޓް ޕަމްޕް ބޭނުންކުރުން އިތުރުކުރުމާއި، އެނޫންވެސް ބަލަންޖެހޭ ކަންތައްތަތަކަށް ބަލައިގެން ކަމަށް އީއައިއޭގެ ރިޕޯޓުގައިވެއެވެ.