ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ އިންފްލޭޝަން އަންނަ އަހަރު ދަށްވާނެ: ޔެލެން


އެމެރިކާގެ އިންފްލޭޝަން އަންނަ އަހަރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރައްވާކަމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާލުވެއްޖެއެވެ. އެމެރިކާގެ ނިއުސް އޭޖެންސީ ސީބިއެސްއަށް ދެއްވި އިންޓަރވިއުއެއްގައި ޔެލެން ވިދާޅުވީ، އެމެރިކާގެ އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހި، އިންފްލޭޝަން ލުއިވެ، ލޭބަރ މާކެޓް ރަގަޅުވާނެ ކަމަށް އުންމީދު ކުރެއްވޭކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކުއްލިއަކަށް އަންނަ ދަތިކަމެއް ނާންނަނަމަ އަންނަ އަހަރު ނިމޭއިރު އިންފްލޭޝަން ވަރަށް ދަށްވާނެ" އެމެރިކާގެ ނިއުސް އޭޖެންސީ ސީބީއެސްގެ '60 މިނެޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ޔެލެން ވިދާޅުވިއެވެ.

ރިސެޝަންގެ ފުރުސަތު އޮތްތޯ ސުވާލު ކުރުމުން ޔެލެން ވިދާޅުވީ ރިސެޝަންގެ ނުރައްކާ އެބައޮތެވެ. ނަމަވެސް އިންފްލޭޝަން ރިސެޝަނަކީ އޭނާގެ ދެކެވަޑައިގަންނަވާގޮތުގައި އިންފްލޭޝަން ދަށްކުރަން ޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ޔެލެން މިގޮތަށް ވިދާޅުވެފައި ވަނީ އުފުލެމުންދާ އެމެރިކާގެ އިންޓަރެސްޓު ރޭޓު ދަށްކުރެވޭނެ ކަމަށް ފެޑް އިން ލަފާކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

މިއަހަރު މަތިވެފައިވާ އިންފްލޭޝަން ދިގުދެމިގެންދާނީ ކުރު މުއްދަތަކަށް ކަމަށް އުންމީދު ކުރައްވާ ކަމަށާއި، 1970 ގެ އަހަރުތަކުގައި އަގުތައް މައްޗަށް ދިޔަ ދިއުމުން "ގިނަ ފިލާވަޅުތަކެއް" ލިބިފައިވާކަމަށް ވެސް ޔެލެން ވިދާޅުވިއެވެ.


އެމެރިކާގެ އިންފްލޭޝަން އަންނަ އަހަރު ދަށްވާނެ ކަމަށް ޔެލެން ވިދާޅުވެފައިވާއިރު، އެމެރިކާގެ އިޤްތިޞާދީ ދުވެލި ޗައިނާގެ އިޤްތިާޞާދީ ދުވެއްޔަށްވުރެ މާ ހަލުވި ވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ބައިޑަން ވިދާޅުވީ، އިޤްތިާޞާދީ މާހިރުން ލަފާކުރާ ގޮތުގައި ދުނިޔޭގައި އެންމެ ދުވެލި ބާރު އިޤްތިޞާދުތަކުގެ ތެރޭގައި އެމެރިކާ ހިމެނޭކަމަށެވެ. އަދި އެހެން ގައުމުތަކާ އަޅާކިޔާ ނަމަ، އިޤްތިޞާދީ ތަޖުރިބަކާރުން ދެކެނީ ޗައިނާއަށް ވުރެ ކުރީގައި އެމެރިކާ އޮންނާނެކަން ކަމަށް ބައިޑަން ވިދާޅުވިއެވެ.

އިންޓަނޭޝަނަލް މަނީޓަރީ ފަންޑް، އައިއެމްއެފް އިން ލަފާކުރާ ގޮތުގައި ޗައިނާގެ އިޤްތިޞާދީ ދުވެލި މިއަހަރު %3.2އަށް ކުރިއަރާނެއެވެ. އަދި އަންނަ އަހަރު މި އަދަދު %4.4 އަށް ކުރިއަރާނެ ކަމަށްވެސް އައިއެމްއެފް އިން ލަފާކުރެއެވެ. ނަމަވެސް އެމެރިކާގެ އިޤްތިޞާދު، މިއަހަރުކުރިއަރާނީ %1.6 އަށް ކަމަށް އައިއެމްއެފް އިން ލަފާކޮށްފައިވެއެވެ.