ޚަބަރު

ކްރޮއޭޝިއާގެ ކާމިޔާބުގެ އަސްލަކީ ޓީމުގެ ތަޖުރިބާ


ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ އާޖެންޓީނާއާއި، ކޮރޭޝިއާ ވާދަކުރާ މެޗުގައި އާޖެންޓީނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށްވާނީ ކޮރޭޝިއާގެ މެދުތެރެ ހިފަހައްޓާލުންކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރާއްޖެގަޑިން މިރޭ 12 ޖަހާއިރު ކުޅޭ މެޗާއި ގުޅޭގޮތުން މީޑިއާތަކާއި ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުގެވެސް އެންމެ ބޮޑު ބަހުސްއަކަށް ވެފައިވަނީ މިރޭގެ މެޗުގައި މެސީގެ އާޖެންޓީނާއަށް ކޮރެޝިއާ ބަލިކުރެވިދާނެތޯއެވެ. މުބާރާތުގެ ފެށުން ގޯސްކޮށް ދިޔަނަމަވެސް އާޖެންޓީނާއިން ވަނީ މެޗަކަށްފަހު މެޗެއް ރަނގަޅުކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މިރޭގެ މެޗުގައި އާޖެންޓީނާއަށް ހުރިހާގޮތަކުންވެސް ކުރިމަތިވާނެ އެންމެބޮޑު ގޮންޖެހުމަކީ ކޮރޭޝިއާގެ ތަޖުރިބާކާރު މިޑިފިލްޑަރުންނެވެ. ޓީމު ލީޑުކުރާ ކެޕްޓަން ލޫކާ މޮޑްރިޗާއި، ކޮވަސިޗްއާއި، އިވާން ޕެރިސިޗްގެ އިތުރުން މާސެލޯ ބްރޯޒޮވިޗަކީ މިމުބާރާތުގައިވެސް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ކުޅުންތެރިންނެވެ. ދުނިޔޭގެ ޗެންޕިއަންކަން 5 ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލްއާއި ދެކޮޅަށް ކުއާޓާ ފައިނަލް މެޗުގައިވެސް ފަހުވަގުތު ތަޖުރިބާގެ ބޭނުންކޮށް މެޗު އަބުރާލުމުގެ އެންމެބޮޑު ދައުރެއް އަދާކުރީވެސް މިކުޅުންތެރިންނެވެ.

އާޖެންޓީނާގެ މެސީ ހުއްޓުވުމުގައިވެސް މިރޭ ކޮރޭޝިއާގެ އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިންނަކީވެސް މިއެވެ. އުމުރުގެ ގޮތުން 30 މަތީގެ މި ހަތަރު ކުޅުންތެރިންނަކީ މުޅި ކޮރޭޝިއާ ޓީމުގެ ހަތަރު ތަބެވެ. މިކުޅުންތެރިންނާއިއެކު ފަހަތު ކީޕަރު މާޓީނޭޒް ދައްކަމުންދާ މޮޅު ކުޅުމަކީ މުބާރާތުގެ ސެމީއާއި ހަމައަށް ވާސިލްވުމުގައި ކޮރޭޝިއާއަށް ލިބިގެންދިޔަ އެންމެބޮޑު އެއް ހިތްވަރެވެ.

ކޮރޭޝިއާގެ ކެޕްޓަން މޮޑްރިޗަކީ އުމުރުން މިހާރު 37 އަހަރު ވެފައިވާ އެންމެ ފަހުގެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. މިމުބާރާތުގައި އޭނާ ދައްކަމުންދާ ކުޅުމާއިއެކު މިފަހަރުވެސް ކޮރޭޝިއާއާއިއެކު ރަނގަޅު ކާމިޔާބަކާއި ހަމައަށް އޭނާ ދަތުރުކުރާނެކަމަށް ދެކޭ މީހުން މަދެއްނޫނެވެ. މިރޭގެ މެޗާއި ކުރިމަތިލާއިރު މޮޑިރިޗްވެސް ގަބޫލުކުރާ އެއް ހަގީގަތަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ މެސީ ހުއްޓުވުމަކީ ފަސޭހަ ކަމަކަށް ނުވުމެވެ. ނަމަވެސް ކޮރޭޝިއާއަކީ މިކަން ކުރެވޭނެ ޓީމެއްކަން މިހާތަނަށްވެސް ހާމަކޮށްފައިވާކަމަށް އޭނާ ވަނީ މެޗުގެ ކުރިން މީޑިއާއާއި ވާހަކަ ދައްކަމުން ބުނެފައެވެ.

އިވާން ޕެރިސިޗްއަކީ ކޮރޭޝިއާގެ އެޓޭކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. ފޯވާޑުންނަށް ބޯޅަ ސަޕްލައި ކޮށްދީ ފޯވާޑުންގެ ފަހަތުން އެޓޭކިން މިޑްފިލްޑަރެއްގެ ދައުރު މިމުބާރާތުގައި އެންމެ ރަނގަޅަށް އަދާކުރި އެއްކުޅުންތެރިޔަކީވެސް ޕެރިސިވެ. އުމުރުން 33 އަހަރުގެ ޕެރިސިޗް ވަނީ ގައުމީ ޓީމަށް ކުޅެދިން 121 މެޗުން 33 ގޯލު ޖަހާފައެވެ.

ކޮރޭޝިއާ ޓީމުގެ ހިމެނޭ ކުޅުންތެރިންގެ ތެރެއިން ބްރޮޒޮވިޗަކީ ޓީމުގެ މެދުތެރޭގެ މައި އިންޖީނެވެ. ޤައުމީ ޓީމަށް ކުޅެދިން 82 މެޗުގައި 7 ގޯލު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. ވްރޮޒޮވިޗަކީ ގޯލްޖަހަން މަސައްކަތް ކުރުމަށްވުރެ ޓީމުގެ ފޯވަޑުން ލައްވައި ގޯލްޖަހަން މަސައްކަތް ކުރާ ކުޅުންތެރިއެވެ. އުމުރުން 30 އަހަރުގެ މިކުޅުންތެރިޔާއަކީ ޓީމުގެ މިހާރު ތިބިކުޅުންތެރިންގެ ތެރެއިން މެދުރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކުޅުންތެރިޔާއެވެ.

ކޮވަސިޗްއަކީ މިޑްފިލްޑްތެރޭގައި ބޯޅަ ކޮންޓްރޯލްކޮށް، ޑިފެންސާއި، އެއްވަރަށް އެޓޭކިންގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެވެ. ޓީމުގެ ތެރޭގައި އެންމެ މަސައްކަތް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާގަކުރެވޭ މިކުޅުންތެރިޔާއަކީ މިފަހަރުގެ ވޯލްޑްކަޕްގައިވެސް މޮޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިއެވެ.

ކޮރޭޝިއާ މިރޭގެ މެޗާއި ކުރިމަތިލާއިރު އެޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ތަޖުރިބާކާރު ކުޅުންތެރިންނާއިއެކު މުޅި ޓީމު ފިޓުކޮށް އޮތުމެވެ. މިފަހަރުގެ ވޯލްޑްކަޕްގައި އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައި ނުވާ ކޮރޭޝިއާ މިރޭގެ މެޗަށް ނިކުންނަނީ ނިމިދިޔަ ވޯލްޑްކަޕްގެ ފައިނަލްކުޅެ ތަށީގައި އަތްލާން ލިބުނު ފުރުސަތު ދެވަނަ ފަހަރަށް ބޭކާރުކޮށް ނުލުމުގެ ވަރުގަދަ އަޒުމުގައެވެ. އަދި މިރޭގެ މެޗަކީ މުބާރާތުގެ ތައްޓާއި ހަމައަށް ދިއުމަށް އެޓީމު ކުޅޭ ފައިނަލެއްކަމަށް އެޓީމުން ދެކެއެވެ.