ތިލަމާލޭ ބްރިޖް މަޝްރޫޢުގެ ދަށުން ކަނޑުގައި ޖަހާ 2 ޓެސްޓް ޕައިލްގެ މަސައްކަތް ނިންމާލައިފިއެވެ.
ބްރިޖްގެ ތަނބުތަކުގެ ޓެސްޓް ޕައިލިންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުއެވެ.
މެރިން ޓެސްޓް ޕައިލް ހަރުކުރުމަކީ ދާއިމީ ތަނބުތައް ޖެހުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.
ތިލަމާލެ ބްރިޖް މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ މިމަހުގެ ތެރޭގައި ދާއިމީ ތަނބުތަކަށް ބޭނުންވާ ޕައިލިންގެ މަސައްކަތްތައް ފެށުމަށް ޕްލޭންކޮށްފައިވާކަމަށެވެ. އަދި ވިލިމާލޭ ކޮޅުން ބްރިޖަށް ބޭނުންވާ ސަރަޙައްދެއް ހިއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށްވެސް ޖިނާން ވިދާޅުވިއެވެ.
ޖިނާން ވިދާޅުވީ ތިލަމާލެ ބްރިޖާއި ގުޅިގެން ތިލަފުއްޓަށްވެސް ބަދަލުތަކެއް ގެންނަންޖެހޭކަމަަށާއި މިވަގުތު ތިލަފުށިން ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. ރަސްމީކޮށް މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރަޙިމް މުޙައްމަދު ޞާލިޙު މިއަހަރުގެ އޮގަސްޓް މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ބްރިޖުގެ ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތެއް 2023 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކް ރޯޑްތަކެކެވެ. މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދަޢުލަތުގެ ބަޖެޓުންނެވެ.
ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ.