ޚަބަރު

ކަންބޮޑުވުން ފާޅުކުރުމަށް ކައުންސިލް ޖަލްސާ ބޭއްވީ ގިރަމުންދާ ގޮނޑުދޮށުގެ ހޭޅިފަށުގައި


ގއ. މާމެންދޫ އުތުރުކޮޅު ގިރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި ރަށުގެ ގިރާ ސަރަޙައްދުގައި ކައުންސިލްގެ ޖަލްސާ ބާއްވައިފިއެވެ.

ރަށުގެ އުތުރުކޮޅު މޫދު ސަރަހައްދުގައި މިއަދު ހެނދުނު 10:00 ޖަހާއިރު ފެށި ކައުންސިލް ޖަލްސާގެ އެޖެންޑާގައި އޮތީވެސް ރަށުގެ ގިރާ ސަރަޙައްދާ ގުޅޭ ގޮތުން ކައުންސިލްގެ މެންބަރުން ވާހަކަ ދެއްކުމެވެ.

ގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ފަސް މެންބަރުން ވެސް ބައިވެރިވިއެވެ. މި ޖަލްސާގައި މެމްބަރުން ވަނީ ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށް އެސަރަހައްދަކީ ރަށުގެ އާބާދުވެފައިވާ ސަރަހައްދު ކަމުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގިނަ ގެތަކުގެ ވަޅުފެން ލޮނުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ދިރިއުޅޭ ބައެއް ފަރާތްތަކަށް ސިއްހީ މައްސަލަތައް ދިމާވެ ގޯތިތަކުގައި ހައްދާފައި ހުރި ބައެއް މޭވާ ގަސްތައް މަރުވެފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ. މީގެއިތުރުން މިހާރު ރަށްގިރަމުން އަންނަ ސްޕީޑްއަށް ބަލާނަމަ ގިރާ ސަރަޙައްދުގައި އުޅޭމީހުން އެހެންތަންތަނަށް ބަދަލުކުރަން ޖެހުމުގެ ބިރުއޮތްކަންވެސް ފާހަގަކުރިއެވެ.

މާމެންދޫ އުތުރުކޮޅަކީ މީހުން ދިރިއުޅޭ ސަރަހައްދަކަށްވުމުން އުތުރުކޮޅު ސަރަހައްދުން މިހާތަނަށް 300 ފޫޓާއި 400 ފުޓާ ދެމެދުގެ ސަރަހައްދެއް ގިރައިގެން ގޮސްފައިވެއެވެ. އަދި މިހާރު މީހުން ދިރިއުޅޭ ސަރަހައްދާއި ގޮނޑުދޮށް ސަރަހައްދާ ދެމެދު އުޅޭނީ 30 އެއްހާ ފޫޓެވެ.

މާމެންދޫ އުތުރުކޮޅު ގިރަމުންދާ މައްސަލަ ބޮޑުވެ 2018 ވަނަ އަހަރުން ފެށިގެން، އެކި ގޮތް ގޮތަށް ކައުންސިލުން ދިޔައީ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.